ޚަބަރު

އެއްބަސްވުމަކަށް ނުގޮސް ރަޝިޔާ-ޔޫކްރެއިން ސުލްޙަިއގެ މަޝްވަރާތައް މެދުކަނޑާލައިފި


އެމެރިކާއިން އިސްވެ އޮވެ އަބޫ ދާބީގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ޞުލްޙައިގެ މަޝްވަރާތައް ކުރަމުން ދަނިކޮށް ރަޝިޔާއިން ޔޫކްރެއިންއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާއެކު އެއްބަސްވުމަކަށް ނުގޮސް ރަޝިޔާ-ޔޫކްރެއިން ސުލްޙަިއގެ މަޝްވަރާތައް މެދުކަނޑާލައިފިއެވެ.

ރަޝިޔާގެ ޙަަމަލާތައް އަމަޒުކޮށްފައި ވަނީ ޔޫކްރެއިންގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ކީއިވްއަށާއި ޚާކީވްއަށެވެ. އެ ޙަމަލާ ދިނުމަށް ރަޝިޔާއިން އެތައް ސަތޭކަ ޑްރޯންއަކާއި މިސައިލް ބޭނުންކޮށްފައިވެއެވެ. ޔޫކްރެއިނުން ބުނީ ރަޝިޔާއިން 375 ޑްރޯންއާއި 21 މިސައިލް ބޭނުންކުރި ކަމަށެވެ.

އެ ޙަމަލާތަކުގައި ހަކަތައާ ގުޅުންހުރި އިމާރާތްތަކަށް ގެއްލުން ލިބި، ވެރިކަންކުރާ ކީއިވްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އޭގެ ސަބަބުން ފިނި މޫސުމުގެ މި ދުވަސްވަރުގައި އެ ސަރަޙައްދުތަކުގައި އެދެވޭ ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ވަނީ ނުކުޅެދިފައެވެ. ޙަމަލާތަކުގައި އެކަކު މަރުވެ 30 މީހުންނަށް ޒަޚަމްވެފައިވެއެވެ.

ޙަމަލާތަކާ ގުޅޭގޮތުން ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އެންޑްރީ ސިީބީހާ ވިދާޅުވީ އެ ޙަމަލާތަކުން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އިޙްލާސްތެރިކަމެއް ނެތް ކަން ދައްކުވައިދޭ ކަމަށެވެ. ރަޝިޔާގެ ޙަމަލާ އަމާޒުވީ ހަމައެކަނި ޔޫކްރެއިންގެ ރައްޔިތުންނަށް ނޫން ކަމަށާއި، މަޝްވަރާގެ މޭޒަށް ވެސް އޭގެ އަސަރު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑުން ޖާގައެއް ރަޝިޔާއަށް ދިނުމުގެ ބަދަލުގައި ބައިނަލްއަޤްވާމީ ކޯޓެއްގެ ކުރިމައްޗަށް ރަޝިޔާ ހާޒިރުކުރަން ޖެހޭ ކަމަށެވެ.

އަބޫ ދާބީގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ ޞުލްޙައިގެ ވާހަކަތައް އެއްބަސްވުމަކާ ހަމައަށް ނާދެވި މިހާރު ވަނީ ނިންމާލައިފައެވެ. ނަމަވެސް އަނެއްކާ ވެސް އަންނަ ހަފްތާގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތަކަށްފަހު ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ހަނގުރާމަ ހުއްޓައިލުމަށް ކަނޑައަޅާނެ ޝަރުތުތަކާ ގުޅޭގޮތުން ކަމަށެވެ.