ޚަބަރު

ވިކްޓަރީ ބަލިކޮށް އޮޑި ދެވަނައިގަ ހަމަޖެހިލައިފި


  • މި ނަތިޖާ އެކު އޮޑި ދެވަނައިގަ އޮތީ 16 މެޗުން ލިބުނު 38 ޕޮއިންޓާއެކު

  • މިއީ ލީގުގައި އޮޑިން ހޯދި 12 ވަނަ މޮޅު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން ލީގުގެ ދެވަނައިގަ ހަމަޖެހިލައިފިއެވެ. މެޗުން އޮޑި މޮޅުވީ 3-0 ލަނޑުންނެވެ.

މި ނަތިޖާ އެކު އޮޑި ދެވަނައިގަ އޮތީ 16 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ވިކްޓަރީ ބަލިވިޔަސް އެޓީމުގެ މަގާމަކަށް ބަދަލެއް ނާދެއެވެ. ވިކްޓަރީ ހަވަނައިގަ އޮތީ 21 ޕޮއިންޓާއެކުވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި އޮޑިން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗު ޑޮމިނޭޓް ކޮއްގެން ކުޅެފައެވެ. އެގޮތުން މެޗު ފަށައިގެން އޮޑީގެ ބިދޭސީ ފޯވާޑް ކެއާނޫ ބްރައުން ވަނީ ގާތް ގާތުގައި ވިކްޓަރީ ގޯލަށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލާފައެވެ.

އޮޑިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓުގައި އަހުމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ބްރައުން ބޮލުން ގޯލަށް ވައްދައިލައިގެންވެ. އޮޑިން ލީޑު ފުޅާ ކުރީ ފުރަތަމަ ހާފުގެ 19 ވަނަ މިނިޓުގައި އަހުޒަމް ރަޝީދު ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ އަބްދުﷲ ލޫތު އިބްރާހިމް ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ބްރައުން ފޮނުވާލި ހަމަލާއއެއް ކީޕަރު އަތުގަ ޖެހިފަ ދިޔަ ބޯޅަ ދެން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ 34 ވަނަ މިނުޓުގައި އޭރިއާ ތެރެއިން ވިކްޓަރީގެ އަލީ ނަސޫހު ރަޝީދު ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އޮޑީގެ ކީޕަރެވެ.

މެޗުގެ 41 ވަނަ މިނިޓުގައި ވިކްޓަރީގެ ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނޭ ފޮނުވާލި ހަމަލާ ދިއައީ ގޯލާ އަމާޒުނެވެ ބޭރަށެވެ. އޮޑިން ތިންވަނަ ލަނޑުޖެހީ 44 ވަނަ މިނިޓުގައި އަހުޒަމް އޭރިއާ ތެރެއަށް ހިފައިގެން ވަތް ބޯޅަ ކީޕަރު ގައިގަ ޖެހިފަ ދެން ލިބުނު ބޯޅައިގަ ގޯލަށް ވައްދައިލައިގެންނެވެ.

ވިކްޓަރީގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މެޗުގައި އެޓީމަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފުގައި އޮޑިން ލަނޑެއް ނުޖެހި ނަމަވެސް އެޓޭކްގައި އޮޑި ވަނީ ވިކްޓަރީގެ ގޯލަށް ނުރައްކާ ކޮއްފައެވެ.

މިއީ ލީގުގައި އޮޑިން ހޯދި 12 ވަނަ މޮޅެވެ.