ތިލަމާލެ ބުރިޖު ވިލިމާލެއާ ހަމައަށް ގުޅާލާ ނިމޭނެކަމަށް މިހާރު ލަފާކުރެވެނީ މިއަހަރުގެ ނިޔަލަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އެގޮތުން މާލެއާއި ވިލިމާލެ ގުޅާލުމުގެ ވަރަށް ގިނަ މަސައްކަތްތައް ނިމެމުންދާތަން އެސަރަޙައްދަށް ބަލާލުމުންވެސް ފެންނާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް، ބޭނުންވާ އެންމެ ބާރު ދުވެލީގައި މިވަގުތު މަސައްކަތް ނުދާކަމަށާއި އެގޮތަށް ދިމާވަނީ ކޮންޓްރެކްޓަރުގެ ހުރި ބައެއް ދަތިކަމުގެ ސަބަބުންކަމަށެވެ.
"ކުރީ ސަރުކާރު ނިމެނިކޮށް 30 މަސްދުވަހުގެ މުއްދަތެއް ވަނީ އިތުރުކޮށްފައި. އެއީ އިތުރު ފައިސާ ދިނުމަކާ ނުލާ. އެހެންވީމަ 100 މިލިއަނަށްވުރެ އިތުރަށް އެ މުއްދަތަށް ޚަރަދުވާކަމަށް ބުނި. އެ މުއްދަތު ދީފައިވަނީ ދަޢުލަތުން ޒިންމާވާންޖެހޭ ސަބަބަކުން ނޫން. ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރާ އަދި ކޮންޓްރެކްޓަރާވެސް އެބަ މަޝްވަރާ ކުރަން މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސައްކަތް އަވަސްކުރުމަށް ހުރި ގޮތްތައް ދެނެގަނެ، ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަމުންއަންނަކަމަށެވެ. މިހާރު އަންދާޒާ ކުރާގޮތުން މާލެއާއި ވިލިމާލެ ގުޅާލާ ނިމޭނެކަމަށް ލަފާކުރަނީ މިއަހަރުގެ ނިޔަލަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ބަލަނީ، މިއަހަރު ނިމެންވާއިރަށް ވިލިމާލެއާ ހަމައަށް މަސައްކަތް ނިންމާލެވޭނެކަމަށް. ގުޅިފަޅުގައިވެސް މީހުން އަބާދުވާން ފަށަންވާއިރަށް މަސައްކަތް އަވަސްކުރަން ބޭނުންވޭ. އެކަންކަމަށް އަލި މަގެއް ލިބޭތޯ މި ބަލަނީ. މަސައްކަތްތަކެއް ނުހުއްޓޭ. މިހާރު ދާގޮތުން މުޅި މަޝްރޫޢު ނިންމާލެވޭނީ 2027ގެ ނިއަލަށް." ވަޒީރު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގެ ގާތްގަނޑަކަށް %70 އާއި ގާތްކުރާ މިންވަރަށް މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ 4 ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ މަސައްކަތްވެސް ގާތްގަނޑަކަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގައި ތަނބުތަކުގެ މަސައްކަތަށް 263 ހޮޅި ވަނީ ފައްތާފައެވެ.
ގުޅިފަޅުގައި ހުންނަ މަސައްކަތުގެ މައި ސައިޓުގައި ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް ސެގްމަންޓްތައް ކާސްޓް ކުރުމުގެ މަސައްކަތްތަކެވެ. ސެގްމަންޓްތައް ކާސްޓް ކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، 500އެއްހާ ކާސްޓް ސެގްމަންޓް ވަނީ ގުޅާލާފައެވެ. ޖުމްލަ 1222 ސެގްމަންޓް ހިމެނެއެވެ.
ބުރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައެވެ.
މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.