ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ޗެލްސީގެ އިތުރުން ސްޕެއިންގެ ބާސެލޯނާ މޮޅުވެ ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި މި ތިން ޓީމުވެސް މިހާތަނަށް ހަތް މެޗުން ކުޅެފައިވާއިރު ކޮންމެ ޓީމަކަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނިއުކާސަލް އަށް ހަތްވަނަ ލިބިފައިވާއިރު ޗެލްސީ އޮތީ 8 ވަނައިގަ އެވެ. އަދި ބާސެލޯނާ އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ. ނިއުކާސަލް އަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ދެވަނަ ބުރުގެ ސީދާ ޖާގައެއް ގަދަ އަށް ޓީމަށް ލިބިގެންދާއިރު ނުވަ އަކުން 24 ވަނައަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފްގެ އިތުރު ދެ މެޗު ކުޅުމަށެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ނެދަލޭންޑްގެ ޕީއެސްވީ އާއި ދެކޮޅަށް ނިއުކާސަލް ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 8 ވަނަ މިނިޓުގައި ނިއުކާސަލްގެ ޔޯން ވިސާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 30 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނިއުކާސަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ހާވޭ ބާރންސް ކާމިޔާބުކޮށްދީފައިވާ ހިތްގައިމު ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ ސައިޕްރަސްގެ ޕަފޯސް އާއި ދެކޮޅަށް ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ލިއާމް ރޮސޭނިއާގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގެ މެޗަކަށް ޓީމެއް ނިކުތް ފުރަތަމަ މެޗުގެ 17 ވަނަ މިނިޓުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އޭނާ ލަނޑު ޖެހުމުގެ ކުރިން ފައުލް ކޮށްފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޗެލްސީ އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 77 ވަނަ މިނިޓުގައި ޗެލްސީގެ މިޑްފީލްޑަރ މޯސެސް ކައިސޭޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
ޕްރާގްގެ ފޯޗޫނާ އެރީނާގައި މައިނަސް ހަ ޑިގްރީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ސްލާވިއާ ޕްރާގްގެ ވަސިލް ކުސެޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 32 ވަނަ މިނިޓުގައި ބާސެލޯނާގެ ފަރމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާ އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ސްލާވިއާ ޕްރާގް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ބާސެލޯނާ އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 70 ވަނަ މިނިޓުގައި ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހަފްތާގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ނިކުންނައިރު ޗެލްސީ ކުޅޭނީ އިޓަލީގެ ނަޕޮލީ އާއި ދެކޮޅަށެވެ. އަދި ބާސެލޯނާ އަމިއްލަ ދަނޑުގައި ނިކުންނާނީ ކޯޕެންހޭގަން އާއި ދެކޮޅަށެވެ.