އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުން ސެނެގާލްގެ ކުޅުންތެރިންނަށް އިނާމެއްގެ ގޮތުން ގައުމުގެ އެންމެ މަތީ އިއްޒަތާއި ބިމާއި ފައިސާ ދީފި އެވެ.
މުބާރާތް ބޭއްވި މޮރޮކޯ 1-0އިން ބަލިކޮށް، ފައިނަލް މެޗަށް ފަހު ތައްޓާއެކު ކުޅުންތެރިން ގައުމަށް ދިއުމަށް އެ މީހުންނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ސެނެގާލްގެ ރައީސް ބަޝީރު ދިއުމަޔޭ ފަޔޭ އެވެ.
މިއަށްފަހު ހާއްސަ ރަސްމިއްޔާތެއް ބާއްވަނީ އެ މަނިކުފާނު ވަނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 115000 ޔޫރޯ އާއި އެ ގައުމުގެ ދަކަރް ސަރަހައްދުން 1500 އަކަ ފޫޓުގެ ބިމެއް ދެއްވާފަ އެވެ. ޓީމުގެ ކޯޗުންނާއި ޓީމުގައި ހަރަކާތްތެރިވި ސެނެގާލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކޮންމެ މެމްބަރަކަށް 75000 ޔޫރޯއާއެކު ދަކަރް ރީޖަނުން 1000 އަކަ ފޫޓުގެ ބިމެއް ދެއްވި އެވެ. މީގެ އިތުރުން ސެނެގާލް ޓީމާއެކު މޮރޮކޯގައި ހަރަކާތްތެރިވި އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ކޮންމެ އޮފިޝަލަކަށް 465000 ޔޫރޯ އާއި އެންމެނަށްވާ ގޮތަށް އެއް ބިން ވަނީ ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ކޯޗާއި ކުޅުންތެރިންނަކީ ކޮމާންޑާ އޮފް ނެޝަނަލް ހީރޯއިން ކަމުގެ ލަގަބް ވެސް ވަނީ އަރުވާފަ އެވެ.
މިއީ ސެނެގާލް އެފްރިކާ ކަޕް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން މި މުބާރާތް ކާމިޔާބު ކުރީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ ކާމިޔާބީ ފާހަގަ ކުރެއްވުމަށް އޭރުގެ ސެނެގާލްގެ ރައީސް ދެއްވީ ކޮންމެ ކުޅުންތެރިއަކަށް 87100 ޔޫރޯ އާއި ދަރަކް ސަރަހައްދުން 494 ފޫޓުގެ ބިމެއް އަދި ދިއާމްނިއާދިއޯން ސަރަހައްދުން 124 އަކަ ފޫޓުގެ ބިމެކެވެ.