ޚަބަރު

ދ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި


  • މިއީ އަދުގެ ސަރުކާރުން ޑަޔަލިސިސްގެ ޚިދުމަތް ފެށި 11ވަނަ ރަށް

  • ޚިދުމަތް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް

ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ. މިއީ ކުޑަހުވަދޫއާ އެއަތޮޅުގެ އެހެން ރަށްރަށުން ޚިދުމަތް ހޯދާ ރަށްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރަސްމީކޮށް ޚިދުމަތް އިފްތިތާހުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ބައިވެރިވިއެވެ.

ޑަޔަލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންގްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދުމުގައި ކޮންމެ ދުވަހަކުވެސް ބަލިމީހުން 4 ގަޑިއިރު ހޭދަކުރަންޖެހެއެވެ.

ޑަޔަލިސިސްގެ ޚިދުމަތް ދ. އަތޮޅުގައި ފައްޓަވައިދެއްވާ ގުޅިގެން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅ ވާހަކަފުޅުގައި މިރަށުގައި ފެށިގެން މިދިޔަ ޑަޔަލިސިސްގެ ޚިދުމަތާއެކު ކުޑަހުވަދޫގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ކަމަށެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް މި ޚިދުމަތް ހޯދުމަށް އެރަށަށް ޒިޔާރާތްކުރައްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށެވެ. މީގެ އިތުރުން، މިއީ މި ޚިދުމަތް ހޯދަން ދިގު ދަތުރުކުރުން ނިމުމަކަށް އަންނާނެކަމެއްކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިރަށާއެކު މިހާރު 11 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކޮށްފައިވާ ކަމަށެވެ.

"މި ދެއަހަރު ދުވަހުގެ ތެރޭގައި 11 ރަށެއްގައި މި ޚިދުމަތް މިހާރު މިވަނީ ފޯރުކޮށްދެވިފައި. މިއީ ކިހާބޮޑު ކާމިޔާބީއެއްކަން ތިބޭފުޅުންނަށް ވިސްނާލައްވަން އަޅުގަނޑު ދޫކޮށްލާނަން." ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުން އެއްފަހަރާއި 3 މީހުންނަށް ފަރުވާ ދެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމެވެ.

މާލެއާ އެއްގޮތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ސިއްޙީ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލެ ސަރަހައްދުން ލިބޭ ޚިދުމަތް އަތޮޅުތަކުގައި ސަރުކާރުން ދަނީ ޤާއިމްކުރަމުންނެވެ.

އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަމުންނެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ދަނީ ގެންނަމުންނެވެ.