ދީން

މިއަދަކީ މަތިވެރިވެގެންވާ ޙައްޖު ދުވަސް


މިއަދަކީ މަތިވެރިވެގެންވާ ޙައްޖު ދުވަހެވެ. ޙައްޖު ދުވަހަކީ، ޙައްޖުވެރިން، ޢަރަފާތުގައި ތިބޭ ދުވަހެވެ. މި ދުވަހަށް ޢަރަފާތު ދުވަހޭވެސް ކިޔައެވެ.

ޙައްޖުވެރިން ޖަމާވާ ޢަރަފާތު ބިމަކީ މައްކާގައި އޮންނަ، އެ ބިމެއް މާތް ﷲ މާތްކުރެއްވި ބިމެކެވެ. އެ ބިމަށް ނަންދެވިގެންވަނީ އެބިމުގައި ހުންނަ ޢަރަފާތު ފަރުބަދައަށް ނިސްބަތްކޮށެވެ. ޙައްޖު ދުވަހަކީ ޙައްޖުވެރިންގެ އިތުރަށް ދުނިޔޭގެ އެންމެހާ މުސްލިމުން އެ ދުވަހެއް ފާހަގަކުރާ ދުވަހެކެވެ. ޙައްޖުވެރިން ފިޔަވައި އެހެން މުސްލިމުންގެ އެތައް މިލިޔަން މީހުންނެއް ޙައްޖުދުވަހުގެ ޘަވާބު އިތުރުވެގެންދާ ސުންނަތް ރޯދަހިފާކަންވެސް ފާހަގަކުރެވެއެވެ.

މާތް ﷲ މާތްކުރެއްވި ޙައްޖު ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. މި ދުވަހަކީ ޙައްޖާޖީން ޢަރަފާތު ބިމުގައި ތިބޭ ދުވަހެވެ. ޙައްޖު ލިބެނީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހުގެ ދުވާލުގެ ވަގުތު ޢަރަފާތު ބިމަށް ވަދެވުނު މީހާއަށެވެ. އެ ނޫން މީހަކަށް ޙައްޖެއް ނުލިބޭނެއެވެ. ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެން މައްކާއަށް ޖަމާވާ އެންމެން ޢަރަފާތު ބިމަށް ޙާޟިރުވެއެވެ. އަދި އެ ބިމުގައި ހޭދަކުރާ ވަގުތަކީ އެމީހަކަށް ކުރެވިފައިވާ ކުށްފާފަތައް ފުއްސެވުން އެދި އަދި ﷲ ގެ ރުއްސެވުން އެދި ދުޢާއާއި ނަމާދުކުރާ ވަގުތުތަކެކެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި الله އަށް ކުއްތަންވުމުގެގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. ކުޅަދާނަވެގެންވާމީހާ އުމުރުން އެއްފަހަރު ހައްޖުނުވެ، އޭނާގެ އިސްލާމްކަން ފުރިހަމައެއްނުވާނެއެވެ. ޝަރުޢުގައިޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭއަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތު ﷲ ގެފުޅުގެ އަރިހަށްގޮސް، ގެފުޅުވަށައިގެން ޠަވާފުކުރުމާއި ޞަފާފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތުބިމުގައި މަޑުކުރުމާއި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭ މުޒްދަލިފާގައި މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު ވަގުތުހޭދަ ކޮށް، އެއަށްފަހު މިނާ ގައި އެރޭގެ މެންދަމުގެ ބައެއްގައި  ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.

ޙައްޖު ދުވަހަކީ އެ އަހަރަކު ޙައްޖަށް ނުގޮސް ތިބި މީހުންނަށްވެސް މަތިވެރި ދުވަހެކެވެ. އެ ދުވަހުގެ ރޯދައަކީ ޘަވާބު އިތުރުވެގެންވާ ސުންނަތްކަން ގަދަވެގެންވާ ރޯދައެކެވެ. ދިވެހިރާއްޖޭގައިވެސް މިއަދު އެތައްހާސް ބަޔަކު ތިބީ ރޯދައަށެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 2000 މީހުން މައްކާއަށް ގޮސްފައިވެއެވެ. ދިވެހިންގެ ގިނަބަޔަކު ދީނީގޮތުން ހޭލުންތެރިވެ، ދީނަށް ދޭ ސަމާލުކަން އިތުރުވެފައި ވުމާއި އަދި ދިވެހިންގެ ފޯރުންތެރިކަން އިތުރުވެފައިވުމާއެކު ދިވެހިން ޙައްޖަށް ދާ މީހުންވަރުވެސް އަންނަނީ އިތުރުވަމުންނެވެ. ދިވެހި ތާރީޚަށް ބަލާއިރު އޭރު ދިވެހިންގެ ތެރޭގައި ޙައްޖަށް ދެވޭ މީހުންގެ ޢަދަދު މަދުކަން ފާހަގަކުރެވެއެވެ. އެކަމުގެ އެއްސަބަބަކީ މީހުންގެ ފޯރުންތެރިކަން ކުޑަވުމެވެ. އަދި ޙައްޖަށް ދިއުމުގެ ދަތުރުފަތުރާއި އެނޫންވެސް އިންތިޒާމްތަކާއި މަގުތައް ދަތިވުމަކީވެސް މިކަމުގެ ސަބަބެކެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ޙައްޖުވާ މީހުން މިހާރު މަދު ޤައުމެއް ނޫނެވެ. ޙައްޖަށް ދިއުމުގެ ކޯޓާ ލިބޭ ޢަދަދަށް ކޮންމެ އަހަރަކުވެސް ދިވެހިން ޙައްޖަށްދެއެވެ. އަދި ބައެއް މީހުން ކޯޓާ ލިބޭ ނިސްބަތަކުން އެއްފަހަރަށްވުރެ ގިނަފަހަރުވެސް ޙައްޖަށްދެއެވެ.

މިއަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ބަޔަކު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކި ނަސްލުގެ އެކި މަޒުހަބުގެ އަދި އެކި ނަސަބުގެ އެންމެން އެއްތަނަކަށް ޖަމާވެ، އެއްކައުވަންތަ ﷲ ގެ ޚާދިމުންގެ ގޮތުގައި ތިބޭ ތިބުމުން ދައްކައިދޭ އެންމެ މުހިންމު އެއްކަމަކީ، މުސްލިމުންގެ ބާރެވެ. އަދި މުސްލިމުން އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.