ޚަބަރު

މިދިޔަ އަހަރު ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކުރި


  • އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށް

  • ދަތުރުފަތުރުގެ ދާއިރާއަށް 4.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

މިދިޔަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. ކޮންމެ އަހަރަކުވެސް އެމަޝްރޫޢުތައް ހިންގުމަށް އެތައް ބިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، ނިމުނު އަހަރުތެރޭ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މީގެތެރޭގައި ހިމެނެނީ ބަނދަރުތައް ތަރައްޤީކުރުމާއި، ބުރިޖާއި އެއާޕޯޓުގެ މަސައްކަތަކެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށެވެ. އެގޮތުން އެއާޕޯޓުތައް ތަރައްޤީކުރުމަށް މިދިޔަ އަހަރުތެރޭވަނީ 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ދައިރާތައް

• ދަތުރުފަތުރުގެ ދާއިރާ - 4.7 ބިލިޔަން ރުފިޔާ
• ބިން ހިއްކުމަށް – 1.2 ބިލިޔަން ރުފިޔާ
• ތިމާވެށި ޙިމާޔަތްކުރުން - 696 މިލިޔަން ރުފިޔާ
• ޞިއްޙީ ދާއިރާ - 460 މިލިޔަން ރުފިޔާ
• ފެނާއި ނަރުދަމާ - 366 މިލިޔަން ރުފިޔާ
• ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް - 204 މިލިޔަން ރުފިޔާ

މިދިޔަ ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ، 12.4 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ.