ޚަބަރު

ރޯދަ ހަދިޔާ: މަސްދަޅު ކޭސްތަކުގެ %96 އިންސައްތަ ނިމިއްޖެ


  • މިއަހަރުގެ ރޯދަ ހަދިޔާގެ 115,078 މަސްދަޅު ކޭސް މިހާރު ވަނީ އުފައްދާފައި

ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސްތަކުގެ ބޮޑުބައި އުފައްދައި ނިމިއްޖެއެވެ.

މި މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މިކަމަށްޓަކައި އުފައްދަންޖެހޭ މަސްދަޅު ކޭސްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާ، އަދި މަސްދަޅު ކޭސްތައް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ސީނިއާ ޕީއާރު މެނޭޖަރ އަލްއުސްތާޛާ ޝިފްޒާ މުސްޠަފާ ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ބޭނުންވާ 118,977 މަސްދަޅު ކޭހުގެ ތެރެއިން 115,078 ކޭސް މިހާރު އުފައްދައި ނިންމާފައިވާ ކަމަށެވެ. މިއީ މުޅި ޕްރޮޑަކްޝަންގެ %96.7އެވެ.

ޝިފްޒާ ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް އުފައްދާ މަސްދަޅުކޭސްތަކުގެ ތެރެއިން މިހާރު އުފެެއްދުމަށް ދެން ބާކީ އޮތީ 3,899 ކޭސްކަމަށެވެ. އަދި މި މަސައްކަތް މާދަމާގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިފްޒާ ވިދާޅުވީ، މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚަށްވުރެ ކުޑަ ތަންކޮޅެއް ލަސްވީ، މި ދުވަސްވަރު ބާޒާރުގައި މަސްދަޅުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން ބާޒާރަށް ބޭނުންވާ މަސްދަޅު ފޯރުކޮށްދިނުމަށް އިސްކަންދޭން ޖެހުމުން ކަމަށެވެ. އަދި ކަނޑައެޅި ތާރީޚަށް ކުޑަކުޑަ ބަދަލެއް އައި ނަމަވެސް، ސަރުކާރުން މަސްދަޅު ބަހަން ފަށަންވާ އިރަށް މުޅި ޕްރޮޑަކްޝަން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސިޓީތަކާބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެންނެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ބައެއް ސްޓޮކް ވަނީ ރައްކާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ ރައްޔިތުންނަށް ރޯދަ ހަދިޔާ ފޯރުކޮށްދެއްވަމުންނެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

ކުރިއަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.