ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް، އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްގެންދިޔައީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ.
ވިލިމާލޭގައި 112 އެނދުގެ މި ހޮސްޕިޓަލް ތަރައްޤީކުރަނީ ޓަރޝަރީ ފެންވަރަށެވެ. ހޮސްޕިޓަލް އިމާރާތްކުރަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫޢުގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢަކީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.
ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢުއަށް ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ. ވުޒާރާއިން ވިދާޅުވީ ކޮންޓްރެކްޓަރަކު ހޯދާ، މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ.
މި މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތަކާއި ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ މިދިޔަ އަހަރުއެވެ.
ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އައު ހަރުފަތްތަކަކަށް ގެންދާނެ އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގެ ކުރިއެރުމަށް އިސްތިރާޖީ މުހިއްމު ބިނާއެކެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ޞިއްޙަތު ހަރުދަނާކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމާއި ދެމެހެއްޓެނިވި ކުރިއެރުމަށް ދެ ޤައުމުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.