ކުރުދީންގެ ހަނގުރާމަވެރި ޖަމާޢަތްތަކާއި ރައްޔިތުން، އެ ޤައުމުގެ މައި ސަރުކާރުގެ ދަށަށް ގެންނަން އެއްބަސްވެއްޖެއެވެ.
މިފަދަ އެއްބަސްވުމަކާ ހަމައަށް އާދެވިފައިމިވަނީ، ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކުރުދީންގެ ހަނގުރާމަވެރިންނާއި ސޫރިޔާގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި، އެތައް ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
މި މަޝްވަރާތަކުގައި އިސް ދަޢުރެއް އަދާކުރެއްވި، އެމެރިކާގެ މަންދޫބު ޓޮމް ބަރެކް ވަނީ މިއީ ހަމަނުޖެހުންތަކަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ނަމަވެސް، ސޫރިޔާގެ މައި ސަރުކާރުގެ ދަށަށް ކުރުދީން ގެނައުމުގެ އެއްބަސްވުން މުޅީން އެކުލަވައިލަން، އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
2024ވަަނަ އަހަރުގެ ފަހުކޮޅު ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއެކު، ސޫރިޔާގެ އުތުރާއި އިރުމަތީގެ ގިނަ ސަރަޙައްދުތަކެއްގެ ކޮންޓްރޯލް ވަނީ ކުރުދީންގެ ހަނގުރާމަވެރި ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިތުރަށް ވަރުގަދަކޮށްފައެވެ.
މައި ސަރުކާރާ އެއްކޮށްލުމަށް އެސްޑީއެފުން މީގެކުރިން ދެކޮޅު ހަދަމުން އައިނަމަވެސް، އެ ޖަމާޢަތުގެ އެންމެ އިސްވެރިޔާ މަޒްލޫމް ޢަބްދީ ނެރުނު ބަޔާނެއްގައި ބުނީ، މައި ސަރުކާރާ އެކު މަޝްވަރާކުރުމަށްފަހު ދީރުލްޒޫރްގެ އިތުރުން ރައްޤާއިން ހަނގުރާމަވެރިން ފޭބުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އަދި މިއަދުގެ ވަގުތެއްގައި، ސޫރިޔާގެ ވެރިކަމާ ޙަވާލުވެ ހުރި އަޙްމަދު އަލްޝަރާޢު އާ ބައްދަލުކުރުމަށްފަހު، މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްޞީލްތައް ހާމަކުރާނެކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މައި ސަރުކާރުގެ ދަށަށް އައުމަށްފަހު ވެސް، ސޫރިޔާގެ އިރރއުތުރުގެ ސަރަޙައްދުތައް ހިންގުމުގައި ކުރުދީންގެ އިސް ދަޢުރެއް އޮންނަ ގޮތަށް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ.
ސޫރިޔާގެ ކުރުދީންނަށް ސޫރިޔާގެ ރައްޔިތުންކަން އަލުން ދިނުމާއެކު، އެ މީހުން ބަސް ރަސްމީކޮށް ބަލައިގަންނަން، ޝަރާޢު ވަނީ ރިޔާސީ ޤަރާރަކުން ނިންމައިފައެވެ.