ކުޅިވަރު

ރެއާލްގެ ސަޕޯޓަރުން މަލާމާތް ކުރުމުން ވިނީޝިއުސް: ދެން ނުހުންނާނަން


ސަޕޯޓަރުން އޭނާ އަށް މަލާމާތްކޮށް ހަދާ ޓީމެއްގައި ނުހުންނާނެ ކަމަށް ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި އޭނާ އަށް ވަރަށް ބޮޑަށް ދިމާކޮށް މަލާމާތް ކުރުމުންނެވެ. މި މެޗުގައި ރެއާލްގެ ސަޕޯޓަރުން ގިނަ ކުޅުންތެރިންނާ ދިމާކުރި ނަމަވެސް ވިނީޝިއުސްއާ ވަރަށް ބޮޑަށް ދިމާކުރި އެވެ. އެނާ އަށް ބޯޅަ ލިބުނު ކޮންމެ ވަގުތަކު ހަޅޭކުގެ އަޑު ގަދަވި އެވެ.

"އަހަރެންނަށް މަލާމާތްކޮށް، ސަޕޯޓަރުން އަހަރެން ބޭނުންނުވާ ތަނެއްގައި އަހަރެން ނުހުންނާނަން،" ވިނީޝިއުސް ބުންޏެވެ.

އޭނާއާ ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. މި ކޮންޓްރެކްޓް އާ ކުރަން ރެއާލް މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އޭނާ ގަތުމަށް ސައޫދީ އަރަބިއާގެ ސަރުކާރުން ވެސް ބޭނުންވެ އެވެ. އަދި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވެސް ތިބީ އެކަން ކުރަން ތައްޔާރަށެވެ.

ވިނީޝިއުސް ގެންދަން ސައޫދީ ސަރުކާރުން ބޭނުންވަނީ އެ ގައުމުގެ ގަދަ ހަތަރު ކުލަބުގެ ތެރެއިން އެއް ކުލަބަށެވެ. އޭނާ އަކީ ސައޫދީ އަރަބިއާގެ ޓުވަރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ.

ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ހިތްހަމަ ނުޖެހިގެން އުޅެނީ އެ ކުލަބުން ފާއިތުވެދިޔަ ދޮޅު އަހަރު ތެރޭގައި ނެރެފައިވާ ދަށް ނަތީޖާއާ ހެދި އެވެ. އެންމެ ފަހު މެޗުގައި ސަޕޯޓަރުން ވަނީ ކުލަބުގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒްގެ އިސްތިއުފާ އަށް ވެސް ގޮވާލައިފަ އެވެ.