ޚަބަރު

ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓަށް 779 ޝަކުވާ


  • ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 15:00 ގައި

  • ޝަކުވާގެ ތެރޭގައި އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ލިސްޓުގައި އޮތުން ހިމެނޭ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖެހުމާހަމައަށެވެ.

އަންނަ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. މިފުރުސަތު އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ޖެހުމާހަމައަށްވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފުރުސަތު ހަމަވީއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާކަމަށެވެ. ޝަކުވާގެ ގޮތުގައި މައިގަނޑުގޮތެއްގައި ލިބިފައިވަނީ، އެޑްރެސް ބަދަލުވުމާއި، ރަށްވެހިކަން ބަދަލުވުމާއި، ނިޔާވެފައިވާ ފަރާތްތައް ހިމެނުމާއި، ރަޖިސްޓްރީން ނަން އުނިކުރުމުގެ ބައެއް ޝަކުވާތައްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް މިހާރުވަނީ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކޮށްފައެވެ. މިބިއުރޯއާއެކު ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ކަންކަމުގައި ޝަކުވާ ހުށައެޅުމާއި މައްސަލަ ހުށައެޅުމަށާއި އެކަންކަން ބަލާ އަވަހަށް ޖަވާބުދާރީވެވޭނެފަދަ ނިޒާމެއް ޤާއިމުކުރުންކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

ބިއުރޯއަށް ޝަކުވާ ހުށައެޅުމަށް ހަމަޖެހިފައިވަނީ އެބިއުރޯގެ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލްއަށެވެ. އަދި ކޮމިޝަނުގެ ކައުންޓަރުތަކަށްވެސް ޝަކުވާ ހުށައެޅޭނެއެވެ. ސިޓީތަކާއި، އަތޮޅު އަދި ރަށު ނުވަތަ އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ހުށައެޅުމުގެ އިންތިޒާމުތައްވަނީ ހަމަޖައްސަވާފައެވެ.