ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ދިވެހި ޒުވާނުންނަށް، އެމީހުންގެ އަމިއްލަ ނަފުސު ތަރައްޤީކޮށް، ހުނަރާއި ޤާބިލުކަމުގެ ރޮނގުން ސިކުނޑިއާއި ނަފްސު އިތުރަށް ފުރިހަމަ ކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ތަމްރީނު ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު ޢިއުލާނުކުރެއްވީ 2024ވަނަ އަހަރުގެ ނަސްރުގެ ދުވަހުއެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައިވެސް 1200އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލިއެވެ. ނަމަވެސް ފުރަތަމަ ބުރުގައި ތަމްރީނުކުރީ 344 ބައިވެރިންނެވެ.
ޕްރޮގްރާމުގެ ތަމްރީނުތައް ޅ. މާފިލާފުށީގައި ފުރިހަމަކުރުމަށްފަހު އެ ބައިވެރިން ވަނީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު ދަސްވެނިވެފައެވެ. އަދި ދެވަނަ ބުރަށް ހޮވުނު ބައިވެރިން މިހާރުދަނީ މާފިލާފުށީގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ގުނަވަނެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ފަންނީ ތަމްރީން ޕްރޮގްރާމު ފުރިހަމަކުރުމަށް، ފުރަތަމަ ބުރުގައި ދަސްވެނިވި ބައެއް ބައިވެރިން މިހާރުވަނީ ބ. ކިހާދޫއަށް ގޮއްސައެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.
އެގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ ޖުމްލަ 66 ޒުވާނުން މި ތަމްރީނުގައި ބައިވެރިވިއެވެ. ތަމްރީނުތައް ކުރިއަށްދާނީ ކިހާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ. މިއީ 4 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް ގިނަ ފަރާތްތަކެއްގެ ތަރުޙީބު އަންނަނީ ލިބެމުންނެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ނިސްބަތަށް ބަލާއިރުވެސް މިކަން ސާބިތުވެއެވެ. މި ޕްރޮގްރާމަކީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި އިޖުތިމާޢީ ބަލިތަކުގެ ހައްލުކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި ވަޒީފާގެ ބާޒާރަށް ޤާބިލު، މުރާލި، ހަރުދަނާ ޒުވާނުން އުފެއްދުމަށް މި ޕްރޮގުރާމް ބޮޑު އެހީތެރިކަމެއް ވެދޭނެކަމާމެދު ޝައްކެއްނެތެވެ.
މި ޕްރޮގްރާމަކީ، ޕްރޮގްރާމުގެ ބައިވެރިންނަށާއި، އެފަރާތްތަކުގެ އާއިލާތަކަށާއި އަދި މުޅި މުޖުތަމަޢަށްވެސް އުއްމީދީ ޕްރޮގްރާމެކެވެ. މިއީ ހަރުދަނާ، ޤާބިލް، ދިރިއުޅުމަށް ތައްޔާރުވެފައިވާ ސިފަވަންތަ ބަޔަކަށްވުމަށް ކޮންމެ ދިވެހި ޒުވާނަކަށްވެސް ލިބޭ އަގުހުރި ފުރުޞަތެކެވެ.