ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
މި ނަތީޖާ އެކު ބުރު ވަނީ ތިންވަނައިގަވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮއްފައެވެ. އެއީ ނިއުއަށް ވުރެން އެއްމެޗު އިތުރަށް ކުޅެގެންނެވެ. ވިކްޓަރީ 21 ޕޮއިންޓާ އެކު އޮތީ ތާވަލުގެ 6 ވަނައިގައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ބުރުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ގިނަ ހަމަލާވެސް އެޓީމުން ވަނީ އުފައްދާފައެވެ. ވިކްޓަރީ މިމެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފަނުވާއިރު، ގޯލަށް އަމާޒުކުށް ފޮނުވާލިވެފަ ވަނީ މަދު ބޯޅައެކެވެ.
މެޗުގެ އެންމެ ފުރަތަމަ ހަމަލާވެސް އުފެއްދީ ބުރުންނެވެ. 4 ވަނަ މިނިޓުގައި ބުރުގެ އިބްރާހިމް އުސާމާ ހަސަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތިންނެވެ. އޭގެ ފަހުން ލަނޑުޖަހަން ބުރުގެ އަލީ ހަމްދާން އާއި މުހައްމަދު ނާއިމަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ބުރުގެ މިޑްފީލްޑަރ ޑައިވަންޑޫ ޑިއާނޭ ނަގައިދިން ކޯނަރެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. 29 ވަނަ މިނިޓުގައި ވިކްޓަރީގެ ސްލޮވާކިއާގެ ފޯވާޑް މިލޯސް ލަޗްނޭ އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މިއީ މުޅިމެޗުގަ ވެސް ވިކްޓަރީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.
މެޗުގައި ވިކްޓަރީން ލަނޑު ޖެހީ 44 ވަނަ މިނިޓުގައި ކެޕްޓަން ހަސަން ސުފިޔާން ނަގައިދިން ކޯނަރެއްގައި ލަޗްނޭ އޭރިޔާ ތެރެއިން ގޯލަށް ވައްދާލި ބޯޅައިންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ މިނިޓުގެ ތެރޭގައި ބުރުން ނުރައްކާތެރި އެޓޭކެއް ކުރިއިރު އަރީން އަބްދުﷲ އިބްރާހިމް އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ނާއިމް އޭރިއާ ތެރެއިން ޖައްސާލުމުން ވަނީ ގޯލާ ސީދާ ވާގޮތް ވަނީ ނުވެފައެެވެ.
މެޗުގެ 58 ވަނަ މިނިޓުގައި ވިކްޓަރީގެ އަލީ ޝާމިސް ދިން ދިގު ބޯޅައެއްގައި ކީޕަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޮލުގައި ޖެހިފަ އޭރިއތެރެއިން ހުސްކޮށް ހުރި އިބްރާހިމް ރިޒްވާން އަށް ލިބުނުމުން ޖެހީ ބޭރަށެވެ.
79 މިނިޓުގައި ބުރުގެ ހުޑްސަން ޑިއަސް ޖައްސާލި ބޯޅައެއް އޭރިއާ ތެރެއިން ޑިއާނޭ ގޯލަށް ފޮނުވާލުމުން ދަނޑީގައި ޖެހިފަ ލިބުނީ ކީޕަރަށެވެ. ބުރުން ނަތިޖާ ހަމަހަމަ ކުރީ މެޗުގެ 87 ވަނަ މިނިޓުގައި އަބްދުﷲ ޔާމިން އޭރިއާ ތެރެއަށް ހިފައިގެން ދިޔަ ބޯޅައެއް އަރިމަތިން ގޯލުގެ ކަނަށް ބޯޅަ ބޯޅަވައްދަލައިގެންނެވެ.
މިއީ މި ލީގުގައި މި ދެޓީމުން ވެސް އެއްވަރުވި ތިންވަނަ މެޗެވެ.