ނިމުނު ހަފުތާގައި ވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިންގާދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ(15 ޖަނަވަރީ) "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވާ، "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލެއްވުމެވެ. މި އިދާރާ އުފެއްދެވީ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރުގެ ދަށުން، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" ގެ މަސައްކަތައް ކުރިއަށްގެންދެވުމަށެވެ. އަދި (15 ޖެނަވަރީ) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ"ގެ ނަމުގައި އެޖެންސީއެއް އުފައްދަވާފައެވެ.
މިއީ ކުޅިވަރު ޤާނޫނުގެދަށުން އުދެއްދެވި އެޖެންސީއެކެވެ. މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ އިދާރީ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އިދާރާ ހިނގަމުންދާނީ ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަޤިއްލު ބޯޑެއްގެ ދަށުންކަމަށެވެ.
(14 ޖަނަވަރީ) މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޢަމަލުކުރަންފެށި ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތު ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލްގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
(15 ޖަނަވަރީ) ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުން ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މި ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ސިވިލް ކޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރިކެވެ.
(13 ޖަނަވަރީ) ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ހެލްޕު ޑެސްކެއް" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ޤާއިމުކޮށްފައިވަނީ މިދިޔަ އަންގާރަދުވަހުއެވެ.
(13 ޖަނަވަރީ) އެސްޓީއޯގެ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ނިމުނު ހަފުތާގެ އަންގާރަދުވަހުއެވެ. މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.
(11 ޖަނަވަރީ) މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ކަންނެލި ގަންނަން ފަށާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މި މަސައްކަތް ފަށާފައި މިވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
(12 ޖަނަވަރީ) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގައި ހަދާފައިވާ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ. ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެއެވެ.
(11 ޖަނަވަރީ) ށ. ފުނަދޫގެ ދަށްފަޅުގައި ތަރައްޤީކުރަނީ 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ށ. ފުނަދޫ ދަށްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް އާދެއެވެ. މިފަޅު ތެރޭގައި ބޮޑެތި ކަކުނި ނުވަތަ މަޑް ކްރޭބް އާލާވެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އަމާޒުކޮށްގެން ތަރައްޤީކުރި "ވާދޫ ގްރީން ފާމް" ރަސްމީކޮށް ހުޅުވާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މި ގްރީން ފާމް ރަސްމީކޮށް ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، (12 ޖަނަވަރީ) މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފަވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ނިމުނު ހަފުތާގެ ހޯމަދުވަހުއެވެ. މަތީ ތަޢުލީމު ހޯދުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފަހި ފުރުޞަތުގައި މި ވޭތުވެދިޔަ 2 އަހަރު ހިމެނޭހެން މިހާތަނަށް 301.6 މިލިޔަން ރުފިޔާ، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ވަނީ ހޭދަކޮށްފައެވެ.
(14 ޖަނަވަރީ) އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ސާޅީސް މީޑިއާއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މިއީ، ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރެވެ.
(15 ޖަނަވަރީ) އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހަމަޖައްސާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.
(13 ޖަނަވަރީ) ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ.އަތޮޅު ތަޢުލީމީ މަރުކަޒުން ހާސިލްކޮށްފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ ކެޓަގަރީންނެވެ.
(15 ޖަނަވަރީ) ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ދިވެހިރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައިފައިވާކަން ހާމަވެފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މިކަން ހާމަކޮށްފައިވަނީ ވީސާއަކާ ނުލައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓެކެވެ.
ނިމުނު ހަފުތާގައިވަނީ ހިތާމަވެރި ޚަބަރެއްވެސް ލިބިގެންގޮސްފައެވެ. (13 ޖަނަވަރީ) އެގޮތުން ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ނަޢީމް ހިމެނި ވަޑައިގަންނަވައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވީ، މުޙައްމަދު ނަޢީމް ޙުސެއިންއެވެ. ދިވެހި ސަރުކާރަށް މުޙިންމު ޚިދުމަތްތަކެއް ކުރައްވާފައިވާއިރު ރާއްޖޭގެ އެވިއޭޝަން ސިނާޢަތް ކުރިއެރުވުމުގައިވެސް ނަޢީމް ވަނީ މުޙިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.