ޚަބަރު

"ސުޕަޔޮޓް ޕްރޮމޯޝަން ކެމްޕޭންގެ ސަބަބުން ބޮޑެތި ފައިދާތަކެއްކުރާނެ"


  • މިއީ ޔޮޓު ފަތުރުވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރި ކެމްޕެއިނެއް

  • ކެމްޕެއިން ފެށީ މިދިޔަ އަހަރު

ސުޕަޔޮޓް ޕްރޮމޯޝަން ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ފައިދާތަކެއްކުރާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފުރަތަމަ "ސުޕަޔޮޓް ޕްރޮމޯޝަން ކެމްޕޭން"، ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ކެމްޕެއިންގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ޔޮޓު މަޢުރަޒު ކަމަށްވާ މައިބާ ޗާޓަރ ޝޯވ އަދި މޮނާކޯ ޔޮޓު ޝޯވގައި ބައިވެރިވެފައެވެ.

2025 ވަނަ އަހަރުގެ ފަހުކޮޅު ފެށި މި ކެމްޕޭނަކީ، ރާއްޖެއަކީ ލަގްޒަރީ ޔޮޓު ފަތުރުވެރި ކަމަށް ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށާއި، މުއްސަނދި ފަރުދުންނާއި، ޔޮޓުތަކުގެ ވެރިންނާއި، ބްރޯކަރުންނާއި މި ސިނާޢަތުގެ މުހިންމު ފަރާތްތަކާ ގާތް ގުޅުމެއް ގާއިމު ކުރުމަށް ހިންގި ސްޓްރެޓީޖިކް ހަރަކާތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕޭނުގެ އެންމެ މުހިންމު އެއް ބަޔަކީ، ބައިނަލްއަޤްވާމީ ޔޮޓު ޝޯވތަކުގައި ރާއްޖެއިން ބައިވެރިވުމެވެ. އެގޮތުން މައިބާ ޗާޓަރ ޝޯވ އަދި މޮނާކޯ ޔޮޓު ޝޯވގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެ، ރާއްޖޭގެ ސުޕަޔޮޓް ފުރުޞަތުތައް ދައްކާލާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން މި ދާއިރާއަށް ޚާއްޞަ ކޮށްގެން ތައްޔާރު ކުރި "މިނީ ބްރޯޝާ"އާއި، މާކެޓިންގ މެޓީރިއަލްތައް، މި ސިނާޢަތުގެ ފަންނީ ބޭފުޅުންނަށާއި ޔޮޓުތަކަށް ސީދާ ފޯރުކޮށްދެވުނު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މީގެ ސަބަބުން ދުނިޔޭގެ ޔޮޓިންގ ކޮމިއުނިޓީގެ ނިންމުންތައް ނިންމާ ފަރާތްތަކާ ސީދާ މުޢާމަލާތްކޮށް، ރާއްޖޭގެ މަޤްބޫލުކަން އިތުރު ކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

"ސުޕަޔޮޓް ޑެސްޓިނޭޝަން މޯލްޑިވްސް"ގެ ޝިއާރުގެ ދަށުން މި ކެމްޕޭން ކުރިއަށް ދިޔައީ ޑިޖިޓަލް މީޑިއާއާއި ފިޒިކަލް އިވެންޓްތައް ގުޅުވާލައިގެންނެވެ. އެގޮތުން ޚާއްޞަ ކޮންޓެންޓް ޕްލެޓްފޯމެއްގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ޔޮޓު ކެޕްޓަނުންނާއި ބްރޯކަރުންނަށް އަމާޒުކޮށްގެން މާކެޓިންގ ހަރަކާތްތައް ހިންގާފައިވެއެވެ. ޝޯތަކުގައި ބައިވެރިވުމާއި، ޑިޖިޓަލް ހަރަކާތްތައް އެކުލެވިގެން ދިއުމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ސަމާލުކަން ބޮޑުތަނުން އިތުރުވެގެން ދިޔަ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، "ސުޕަޔޮޓް ސްޕައިސް ރޫޓް" ޕްލެޓްފޯމުގައި ބައިވެރިވެ، ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ މުހިންމު މަގުތަކުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށާއި، މަތީ ފަންތީގެ ޔޮޓިންގ ނެޓްވޯކްތަކުގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"މައިބާ ޗާޓަރ ޝޯވ އަދި މޮނާކޯ ޔޮޓު ޝޯވ ފަދަ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޕްލެޓްފޯމްތަކުގައި ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ ސުޕަޔޮޓު ދާއިރާގައި ރާއްޖޭގެ މަޤާމު ކަށަވަރު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ޔޮޓިންގ ކޮމިއުނިޓީއާ ސީދާ ގުޅުން ޤާއިމުކޮށް، ހައި-ވެލިއު ސެގްމަންޓުގައި ރާއްޖޭގެ ޙިއްސާ އިތުރު ކުރުމަށް މަގުފަހިވެގެންދާކަން ވަނީ ފާހަގަކޮށްފައެވެ.