ޔަމަނުގައި އުމްރާނީ ވަޞީލަތްތައް ބިނާކުރަން، ސަޢޫދީ ޢަރަބިއްޔާއިން 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ ހަނގުރާމަވެރިންވަނީ މިދިޔަ މަހު، ޔަމަނުގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަކަށް އަތްގަދަކޮށްފައެވެ.
ޔަމަނުގައި ޞުލްޙަ ދެމެހެއްޓުމަށް އެހީީތެރިވުމަށް ސަޢުދީން އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަޤްވާމީ އިއްތިޙާދުން ވަނީ އެސްޓީސީގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ވަރުގަދަ ހަރަކާތެއް ހިންގުމަށްފަހު، އެ ސަރަޙައްދުތައް ސަލާމަތްކޮށްފައެވެ.
ސަޢުދީގެ ދިފާޢީ ވަޒީރު ޚާލިދް ބިން ސަލްމާން އިއްޔެ ވަނީ ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރާއި ޔަމަނުގެ ޕްރެސިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޔަމަނަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށްދިނުމުގައި ސަޢުދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ސަޢުދީ ސަރުކާރުން ބުނީ، 500 މިލިއަން ޑޮލަރު ބޭނުންކުރާނީ، ޔަމަނުގެ ތަފާތު 10 ސަރަޙައްދެއްގައި ސްކޫލްތަކާއި ހަސްފަތާލާއި، މިސްކިތްތަކާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް ކަމަށެވެ. މީގެއިތުރުން، ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ތެލުގެ ސަޕްލައި އިތުރުކޮށްދިނުމަށް ވެސް ނިންމާފައިވާކަމަށް ސަޢުދީ ސަރުކާރުން ބުންޏެވެ.
މި މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ، ޔަމަނުގެ ދެކުނުގައި މި ވަގުތު ތިބި ޔޫއޭއީގެ ސިފައިން ފޭބުމުންނެވެ. ސަޢުދީން ތުހުމަތުކުރާ ގޮތުގައި، އެސްޓީސީއަކީ ޔޫއޭއީން ވާގިވެރިވާ ޖަމާޢަތެކެވެ. ނަމަވެސް، އެ ތުހުމަތު ޔޫއޭއީން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.