ޚަބަރު

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހޮނިހިރު ދުވަހު ހުޅުވާލަނީ


  • މިފަހަރު އެއްވެސް ކަރުދާސް ފޯމެއް ބަލައެއް ނުގަންނާނެ

  • ޖުމްލަ 621 ވޯޓު ފޮށި މިފަހަރު ބަހައްޓާނެ

  • އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 1 ފެބުރުވަރީއާ ހަމައަށް ވަނީ ހުޅުވާލާފައި

  • އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ އޭޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރުމަތިލުމުގެ ފުރުޞަތު މިމަހުގެ 17 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބުރުވަރީ އެއްވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. މިފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ. މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.

ކައުންސިލް އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެއެވެ.

ޒާހިދު ވިދާޅުވީ، އިންތިޚާބާ ގުޅޭގޮތުން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންދާކަމަށެވެ. އަދި ތާވާލުކުރެވިފައިވާގޮތަށް އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްދާނެކަމަށް ޒާހިދު ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި މިއޮތް ދުވަހަކީ 4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހު. އަޅުގަނޑުމެން އާންމު އެހެނިހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވޯޓުލުން ކުރިއަށްގެންދާނީ އެދުވަހުގެ ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަކަށް. ގުދުރަތީކަމެއް ދިމާވެގެން ނޫންގޮތަކަށް މި ދެންނެވި ވަގުތު އިތުރު ނުކުރާގޮތަށް ޤަވާއިދުގައި އިންނާނީ." ޒާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބުތަކުގައި މީހުން ދިރިއުޅޭ އިދާރީ ރަށްތަކުގެ އިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނާއި، ޖަލާއި، ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން، މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މިއަހަރު ބާއްވާ އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.

މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.