އެމް.ޑީ.ޕީގެ ރައީސާއި ނައިބުރައީސްގެ އިންތިޚާބީ ދައުރު ހަމަވެފައިވާތީ، ރައީސާއި ނާއިބުރައީސްގެ އިންތިޚާބު ބާއްވައިދިނުމަށް އެދިވަޑައިގެން، އިތުބާރުނެތްކަމުގެ ވޯޓްނަގައި މަޤާމުން ވަކިކުރި އެމް.ޑީ.ޕީގެ ކުރީގެ ނާއިބުރައީސް އަލްހާން ފަހުމީ އެޕާޓީގެ ޗެއަރޕާސަންއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމް.ޑީ.ޕީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުން އެޕާޓީގެ ރައީސާއި ނާއިބުރައީސްގެ އިންތިޚާބީ މުއްދަތަކީ 5 އަހަރުދުވަހެވެ. އެމް.ޑީ.ޕީގެ ރައީސްކަމަށް ޑރ. އިބްރާހީމް ދީދީ އަދި ނައިބު ރައީސްކަމަށް އަލްހާން ފަހުމީ އިންތިޚާބުވެވަޑައިގެންފައިވަނީ 2011 ވަނަ އަހަރުގެ މެއިމަހުގެ 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެދެބޭފުޅުންގެ އިތުބާރު ނެތްކަމަށް އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން ފާސްކޮށް، ބައި-އިލެކްޝަނަކުން ރައީސްކަމަށް މުޙައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް މުޙައްމަދު ޝިފާޒް ވަނީ އިންތިޚާބުކޮށްފައެވެ. އެހެންކަމުން މުޙައްމަދު ނަޝީދާއި، ޝިފާޒު އިންތިޚާބުވެފައިވަނީ 2011 ވަނަ އަހަރު ބޭއްވި އިންތިޚާބާއި ގުޅިގެން ބޭއްވި ބައި-އިލެކްޝަނަކުން ކަމަށްވުމުން އެދެބޭފުޅުންގެ ދައުރު މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެ ކަމަށް އެމް.ޑީ.ޕީގެ ޗެއަރޕާރސަން ޢަލީ ވަޙީދަށް އެޑްރެސްކުރައްވައި އަލްހާން ފަހުމީ ފޮނުއްވި ސިޓީގައިވެއެވެ. އެހެންކަމުން އެޕާޓީގެ ރައީސާއި ނާއިބުރައީސްގެ އިންތިޚާބު ބާއްވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށް އަލްހާން ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
އެމް.ޑީ.ޕީ އެންމެ އިސްމަޤާމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނުގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ، މަޤާމުން ވަކިވުމާއެކު އެޕާޓީގެ އެންމެ އިސްމަޤާމުގައި މިހާރު ހުންވެނީ ނާއިބުރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިފާޒެވެ. އެމް.ޑީ.ޕީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން އެޕާޓީގެ ރައީސާއި ނައިބުރައީސްގެ އިންތިޚާބުގެ ކަންކަން އިންތިޒާމް ކުރައްވަންޖެހެނީ ޕާޓީގެ ޤައުމީ މަޖިލީހުގެ ޗެއަރޕާރސަނެވެ.