ކުށުން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ބ.ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހަރަކާތަކީ، ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށުން ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ.
މި ހަރަކާތުގެ ތެރެއިން، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ހައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގައި ދެމުންގެންދާ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ ހިޔާލު ހޯދައި ގުޅިގެން މަސައްކަތްކުރުމުން ފެންނާނެ ހެޔޮބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެއިތުރުން، ކުށްމަދު ކުރުމަށް ދެފަރާތުން ގުޅިގެން ރަށުގައި ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުންނާއި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވާކަމަށް ފިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ގެންދަނީ މާލެއާއި އަތޮޅުތެރޭގައިވެސް ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.