ޚަބަރު

ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ދުވާފަރު 2 މީހުން

  • ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނުނު

ރ ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ރ. ދުވާފަރު ދޫރެސްގެ، 53 އަހަރުގެ އިސްމާޢީލް މަޙުމަދޫ އާއި ރ. ދުވާފަރު ޕެލެސް، 40 އަހަރުގެ އީސާ އަޙްމަދުކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 10ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އަދި ދުވާފަރު ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންްދަނީ ތަހުގީގު ކުރަމުންނެވެ.