ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާ ކެނޑިޑޭޓޫން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ސްކޫލުތަކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ ހުކުރު ދުވަހުއެވެ.
މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައިވެސް އެންމެ ސަރަހައްދެއް ފިޔަވައި އެޕާޓީން ވޯޓުފޮށިތައް މިފަހަރު ބަހައްޓާނީ ހުރިހާ ރަށެއްގައިވެސް ސްކޫލްތަކުގައެވެ. މާލެ ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ އިތުރުން އިތުރު މާލޭގެ ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ޕްރައިމަރީ ބާއްވަނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާނީ މުޙްޠިއްދީން ސްކޫލުގައެވެ.
އެޕާޓީން ބުނީ، ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި ކުރިން ކަލާފާނު ސްކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ވޯޓުފޮށި މަޖީދިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ މަޖީދިއްޔާ ސްކޫލްގައިކަން ކަމަށްވެސް އެޕާޓީން ބުނެއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ސްކޫލްތަކުގައި ބާއްވާއިރު، މީގެ ކުރިން ސްކޫލްތަކުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ނުބޭއްވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ވަނީ މި ސިޔާސަތަށް ބަދަލު ގެނެސް، ސްކޫލްތަކަށް ދަތިނުވާނެހެން ޗުއްޓީ ދުވަސް ނުވަތަ ބަންދު ދުވަސްތަކާއި ދިމާކޮށް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދީފައެވެ. އަދި ހުރިހާ ޕާޓީއަކަށްވެސް މި ފުރުޞަތު އެއް ހަމައަކުން އޮންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިއާއެކު މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީތައް ބާއްވަމުން އަންނަނީ ރަށްރަށުގައިވެސް މާލެ ސަރަހައްދުގައިވެސް ސްކޫލުތަކުގައެވެ.