ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ހަފްތާ ބަންދުގައި މާލެގެ އެކި ސަރަޙައްދުތައް 470އަށްވުރެ ގިނަ ފަހަރު ބަލާފާސްކޮށްފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން، މާލޭގައި ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ނުވަތަ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ބަލާ ފާސްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެގޮތުން ކުށްތައް ގިނައިން ހިނގާކަމަށް މާލޭގައި ފާހަގަކުރެވޭ ސަރަހައްދުތައް 473 ފަހަރު ބަލާފާސްކޮށް، 77 ފަހަރު މީހުންނާ ވަނީ ސުވާލުކޮށްފައެވެ.
ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 8 އުޅަނދެއް ބަލާ ފާސްކޮށް، 7 އުޅަނދެއް ޓޯވކޮށްފަވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ފައި މަގުގައި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔައެވެ. އެގޮތުން ޖުމްލަ 8 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވެއެވެ.
އާއްމުންނާ ގާތުން މަސައްކަތްކޮށް، މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އާ އަހަރާ އަދި ހަފްތާ ބަންދާ ދިމާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަނަކީވެސް އާއްމު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު ނިކުމެ އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ފުލުހުން މިފަދަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި އަދި ވިޔަފާރިތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.