މިދިޔަ އަހަރު އެކަނިވެސް ސިވިލް ސަރވިސްއަށް 4823 މުވައްޒަފުން އައްޔަނުކޮށްފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، 2025ވަނަ އަހަރު ސީއެސްވިއުގަ މެދުވެރިކޮށް، 15509 ރިކުއެސްޓެއް ނިންމާފައިވެއެވެ. އަދި 251 ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، "ވެޔޮ" މެދުވެރިކޮށް 15022 ކޭސް ނިންމާފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން، ސިވިލް ސަރވިސް ކޮމިޝަނުން 2025ވަނަ އަހަރު 118 އޮނިގަނޑު ފާސްކޮށްފައިވެއެވެ. އަދި ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 205 ޝަކުވާއެއް ހައްލުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ސަރވިސްއަށް 4،823 މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށާއި، 18،409 މުވައްޒަފުން ތަމްރީނު ކޮށްފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
2025 ވަނަ އަހަރުގެ އުސްއަލިތައް
— Civil Service Commission of the Maldives (@cscmaldives) January 8, 2026
#ServingTheNation #CSC #Maldives pic.twitter.com/UNejvlI4MG
ދިވެހި ސިވިލް ސަރވިސްގައި 31،575 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 21،422 އަންހެން މުވައްޒަފުންނާއި، 10،153 ފިރިހެން މުވައްޒަފުންނެވެ. މިއީ ވަޒީފާގެ އޮނިގަނޑަށް ބަލައިލާއިރު، އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ އެއް ދާއިރާއެވެ.
ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ސިވިލް ސަރވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ޚިދުމަތްތަކެއްގެ ގޮތުގައި ހެދުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.