ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމް: 17،000 ގޭބިސީއަށް ޒިޔާރަތްކޮށްފި


  • މިޕްރޮގްރާމް މިހާތަނަށް 17 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވޭ

  • ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ

ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 17000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެވުޒާރާއިން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން، 17 އަތޮޅެއްގެ 17000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލަތު އޮޅުންފިލުވިފައިވާ ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް އެންމެ ފުޅާކޮށް ކުރެވޭ މަސައްކަތަކީ ދަތިކަމަކާއި ހަމައަށް އާއިލާއެއް ދިއުމުގެ ކުރިން އެމީހުންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތް. އެގޮތުން، އަޅުގަނޑުމެންގެ ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން 17 އަތޮޅެއްގެ 17 ހާހަށްވުރެ ގިނަ ގޭބިސީއަށް ވަނީ ޒިޔާރަތްކުރެވިފައި. މިއިން ކޮންމެ ގޭބިސީއަކަށް އަޅުގަނޑުމެންނަށް ޒިޔާރަތް ކުރެވޭއިރު، ހަމަ ޝުކުރުވެރި ކަމާއިއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އެ އާއިލާތަކުން އަޅުގަނޑުމެންނާއި ދޭތެރޭގައި އެ ހިތްތަވާ ގޮތާއި އަދި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން އޮތްވަރު". ވަޒީރު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއްވެސް އަންނަނީ ރައްޔިތުންގެ ހާލުބަލާ، ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ގެނެސްދިނުމުގެ ވަޢުދާ އެކުގައެވެ. އެހެންނަމަވެސް ދައުރެއް ނިމިގެންދާއިރު ރައްޔިތުންގެ ހާލު ބަލަން ސަރުކާރުގެ އިސްވެރިންނަށް ދެވެނީ މަދު ފަހަރެއްގައެވެ. އަދި ވުޒާރާތަކުގެ ބޭފުޅަކަށް ރައްޔިތުން ގާތަށް ދެވެނީ، މައްސަލައެއް ބޮޑުވެ ސޯޝަލް މީޑިއާގައި ޝުޢޫރުތައް ބަންޑުންވާން ފެށުމުންނެވެ. އެހެންނަމަވެސް މި ސަރުކާރުން މި މަންޒަރު ބަދަލުކޮށްލައިފިއެވެ.

އިޖުތިމާޢީ ތަރައްގީއާއިބެހޭ ވުޒާރާގެ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ދަޢުލަތުގެ ޚާއްޞަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ފަށާފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަހީގެ ހިޔާ ފްލެޓްތަކުންނެވެ.

"ޙާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް 17 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، މިޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ރާއްޖެއިން ބޭރުން ބޭސް ގެނައުން ފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުންގެ ފަރާތުން ހުށައަޅާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.