ވެނެޒުއެލާގެ ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ އެމެރިކާއިން އެ ޤައުމަށް އަނެއްކާވެސް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައެވެ. އިންތިޤާލީ އިންތިޒާމުތައް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ވެނެޒުއެލާ “އިސްލާހު” ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އެ ޤައުމުގެ ސަރުކާރުން އެއްބާރުކުން ނުދޭ ނަމަ އަލުން ޙަމަލާ ދޭނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ ލެޓިން އެމެރިކާގެ ބައެއް އެހެން ޤައުމުތަކުން ވެސް އެ ފަދަ ފިޔަވަޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެ ގޮތުން ކޮލޮމްބިޔާއާއި މެކްސިކޯއިން އެމެރިކާއަށް އެތެރެވާ ޑްރަގްސްގެ ޢަދަދު މަދު ނުވާ ކަމަށް ވާނަމަ އެ ޤައުމުތަކާ ދެކޮޅަށް އެ ފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ވެނެޒުއެލާގައި އައު ސަރުކާރެއް ޤާއިމް ކުރުމަށް ވަގުތުން ވަގުތަށް އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ވެނެޒުއެލާގެ ސަރުކާރާއެކު މަސައްކަތްކޮށް ޑްރަގް މައްސަލައަށް ޙައްލެއް ހޯދައި އެ ޤައުމުގެ ތެލުގެ ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށެވެ.
މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ. ވެނެޒުއެލާގެ ސަރުކާރުން ބުނީ އެ ޤައުމުގެ ރައީސް އެމެރިކާއިން ވަގަށް ނަގާފައިވާ ކަމަށެވެ. ވެނެޒުއެލާގެ އަސްކަރިއްޔާއިން ބުނީ އެ ހާދިޘާގައި ގިނަ ޢަދަދެއްގެ ސިފައިންނާއި ޢާންމުން ވެސް މަރުވެފައިވާ ކަމަށެވެ. އަދި ޤައުމުގެ އިސްތިގުލާލު ރައްކާތެރި ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރާނެ ކަމަށެވެ.