މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގައި ކްލަބް ގްރީން ސްޓްރީޓްސްއިން ސަމާލުކަންދޭނީ ފަހަރަކު މެޗަކަށްކަމަށާއި ކުޅުންތެރިންނަށް ޕްރެޝަރު ދިނުމުގެ ބޭނުމެއް ނެތްކަމަށް އެޓީމުގެ ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.
ލީގުގަ މިދިޔަމަހުގެ 26 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 4-1 އިން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނިސްތާރު ބުނީ އެމެޗުގައި ގްރީންއިން ދެއްކި ކުޅުން ގޯހެއް ނޫންކަމަށެވެ. އެމެޗުން ބަލިވިކަމަށްވިޔަސް ގްރީންގެ ސަމާލުކަން އަބަދުވެސް ދޭނީ މެޗަކަށްފަހު މެޗަކަށްކަމަށާއި ކުޅުންތެރިންނަށް ޕްރެޝަރު ދިނުމުގެ ބޭނުމެއް ނެތްކަމަށެވެ. މެޗުން ބަލިވުމުގެ ޒިންމާ އޭނާ ނަގާނެކަމަށާއި ކުރިއަށް ހުރި މެޗުތަކަށް އިތުރަށް ތައްޔާރުވާނެކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ފަހަރަކު މެޗަކުން މެޗަކަށް ވިސްނަން މިވަގުތު ބޭނުންވަނީ. އެ ޕްރެޝަރ މިހާރު ޓީމަށް ދީގެންވާނެ ފައިދާއެއް ނީންނާނެ. އަލްޓިމޭޓްލީ އަޅުގަނޑު އޭގެ ޒިންމާ ނަގަންޖެހޭނީ. އަޅުގަނޑު ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވާނަން ދެން އިން މެޗަށް އިންޝާﷲ" ނިސްތާރު ބުންޏެވެ.
މިމެޗުގައި ގްރީންއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްވަނީ ލިބިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމަލާ ފަސްވަނަ މިނިޓުގެ ތެރޭގެ ގްރީން ފޮނުވާލި އިރު، އެޓީމުގެ މުހައްމަދު ޖައިލަމް އޭރިއާތެރެއަށް ވަދެ ފޮނުވާލި މި ހަމަލާ ބޭކާރުވީ އަރިމަތީ ދަނޑީގަ ޖެހިފައެވެ. މެޗުގެ 30 ވަނަ މިނިޓުގައި ވެސް އޭރިއާ ތެރެއަށް ޖައިލަމް ބޯޅައެއް ނަގައިދިން ނަމަވެސް އެބޯޅަ އަމާޒުވެފަވަނީ ގޯލުގެ ހުރަސް ދަނޑިއާއެވެ. މެޗުގަ ގްރީންއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދުއެވެ. މި ލަނޑަށްފަހު ގްރީން ކުޅުންތެރިން ވަނީ ކުރިއަށް ޖެހި ގިނަ އެޓޭކްތަކެއް ވިކްޓަރީގެ ގޯލަށް އަމާޒުކުރި ނަމަވެސް ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިގޮތުން މެޗުގެ 84 ވަނަ މިނިޓުގައި ޖައިލަމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެއެވެ.
މެޗުގައި ގްރީންއިން ދެއްކި ކުޅުން ރަނގަޅުކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް ހަމަލާތައް ގޯލަށް އަމާޒުނުވީކަމަށާއި މެޗުގައި ހެދުނު ގޯސްތައް އަލުން ބަލާ ރަނގަޅުކުރާނެކަމަށް ނިސްތާރު ބުންޏެވެ.
"އަސްލު އަޅުގަނޑު ގަބޫލުކުރާގޮތުގައި ރެޑީވުމުގެ ތަންކޮޅެއް ދަތިތަކެއް އައިސްފަ ހުރި. ދެން އަޅުގަނޑުވެސް އަލުން ފަހުން މެޗު ބަލާލަންޖެހޭނީ. ފުދޭވަރަކަށް ކުޅުނު ފަށާފަވެސް. އެކަމަކު ފަހަތަށް އަންނަ ބޯޅަ ގޯލަށް ވަމުން އެބަޖެހޭ ހުއްޓެއް" ނިސްތާރު ބުނެފަވެއެވެ.
ލީގު ތާވަލަށް ބަލާއިރު ގްރީން މިވަގުތު އޮތީ 11 ވަނައިގައެވެ. މިހާތަނަށް ކުޅުނު 11 މެޗުން އެޓީމަށް 7 މެޗު ގެއްލިފައިވާއިރު، 2 މެޗުން އެއްވަރުވެ 2 މެޗުންވަނީ މޮޅުވެފައެވެ. ލީގުގަ ގްރީންއިން ދެން ނުކުންނާނީ މިމަހުގެ 5 ވަނަ ދުވަހު ތާވަލުގެ 3 ވަނައިގަ އޮތް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.