ތަރައްްޤީ

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ބައްދަލުވުން


ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ރާއްޖޭގެ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ޑަބްލިއުއެޗްއޯގެ މިސަރަހައްދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވި މިއަހަރުގެ ކޮމިޓީ ބައްދަލްވުމުގެ އެޖެންޑާގައި އެންމެ ކުރީގައި އޮތް އެންސީޑީޒް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް މައްސަލައަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި ބައްދަލުވުމުގެ ސަބަބުން ރާއްޖެއިން ގައިންގަޔަށް ނާރާ ބަލިތައް ނައްތާލާ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ސަރަޙައްދީ ގޮތުން ބޭއްވޭ މިފަދަ ބައްދަލުވުންތަކަކީ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އެހީތެރިކަން ހޯދުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 80 އިންސައްތަ އަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދުގެ 11 ޤައުމުން އެއް ޤައުމު އަނެއް ޤައުމަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން މިހާރަށް ވުރެ ހަރުދަނާކޮށް، ސަރަޙައްދީ ޤައުމުތަކަށް ކުރިމަތިވެފައިވާ ސިއްޙީ ގޮންޖެހުންތައް ނައްތާލުމަށް ކޮމިޓީ ބައްދަލުވުންތަކުގައި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކޮމިޓީގެ އެޖެންޑާގައި ދެން މަޝްވަރާ ކުރެވޭ އެންމެ މުހިއްމު ކަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މިސަރަޙައްދުން ކުރަމުންދާ އަދި ކުރެވިދާނެ މަސައްކަތްތައް ކަމަށެވެ.