ޑިސެންބަރުމަހު ރާއްޖެއަށް ރެކޯޑު ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 218،650 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް އެއް މަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކޮށްލެވެއެވެ.
މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހެވެ. އެ މަހު ރާއްޖެއަށް ވަނީ 217,392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
2025ގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ، ފެބުރުވަރީ، މާރިޗު އަދި ޑިސެންބަރުމަހުއެވެ. މި ހުރިހައި މަހެއްގައިވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ އިތުރެވެ.
ޖަނަވަރީ: 214,863
ފެބުރުވަރީ: 214,091
މާރިޗު: 203,468
ޑިސެންބަރު 30ގެ ނިޔަލަށް: 218,650
ޑިސެންބަރުމަހުގެ 31ވަނަ ދުވަހުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމުން ޖުމްލަ އަދަދު އަދި މިއަށްވުރެ އިތުރުވާނެއެވެ.
2025ގައި ރާއްޖެއަށް ވަނީ 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024ވަނަ އަހަރާ އަޅާ ބަލާއިރު، %9.8 އިތުރު އަދަދެކެވެ.
ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކަށް 2025ވަނަ އަހަރު ވަނީ ބޮޑުކުރިއެރުމެއް ލިބިފައެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.