މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ޚިޔާލު އެއްގޮތްވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާތައް ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުގެ ފަހުން 96 މަސާޖު ޕާލާ ބަންދު ކުރެވިފައިވާކަން އިޢުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވީ މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ ޢާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.
ސޯޝަލް މީޑިޔާގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެފަދަ ތަންތަން ހިންގަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތަކަށް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ކަމަށެވެ. އަދި މިފަދަ ތަންތަން ހިންގަމުން ދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައި.
— Dr Mohamed Muizzu (@MMuizzu) December 31, 2025
މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ…
ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަދި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފަސްކުރަމުންނެވެ.