އއ.ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އަޙްމަދު ކަރަމެވެ.
އައިލެންޑް އޭވިއޭޝަންގެ ސީޕްލޭންގެ ޚިދުމަތްތަކާގުޅޭ އިސް މުވައްޒިފުންގެ ޓީމެއް ވަނީ ތޮއްޑޫއަށް ޒިޔާރަތްކޮށް ކައުންސިލާއި އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށްފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން ފެބުރުވަރީމަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ ފުރަތަމަ ފަށާއިރު ހަފްތާއަކު 2 ދުވަހު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ތޮއްޑޫއަކީ ފަތުރުވެރި ރަށަކަށް ވުމާއެކު މި ޙިދުމަތާއެކު ރަށަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށެވެ.
"ސަބަބަކީ މޫސުން ގޯސް ދުވަސްވަރު ތޮއްޑޫއަށް ވަރަށް ކަނޑުތައް ގަދަކޮން ދިމާވަނީ ދެން ގެސްޓުން އެއްވެސް ނިވަލެއް ނެތި ފުރައިގެން އަންނައިރު ގެސްޓުންނަށްވެސް ބައެއްފަހަރު ކަނޑު ގަދަ ދުވަސްވަރު ވަރަށް އުނދަގޫ ދަތުރަކަށް މިވަނީ. އެހެންވީމައި ޤަބޫލްކުރަނީ މީ ވަރަށް ބޮޑު ފަސޭހައެއްކަމަށް" ކަރަމް ވިދާޅުވިއެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ވިދާޅުވީ ސީޕްލޭންގެ ޚިދުމަތާއެކު ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެގެންދާނެކަަމަށެވެ. ދަތުރުފަތުރުގެ ނިޒާމު ފަސޭހަވުމަކީ ރަށަށް އަންނަ މީހުންގެ އަދަދުވެސް އިތުރުވާނެކަމެއްކަމުގައި ކަރަމް ވިދާޅުވިއެވެ. މި ޚިދުމަތާއެކު ރަށުގެ އިޤްތިސާދަށް ކުރިއެރުން އަންނާނެކަމަށް ކަރަމް ވިދާޅުވިއެވެ.
އަންނަ ފެބުރުވަރީ މަހުން ފެށިގެން ތޮއްޑުއަށް ޝެޑިއުލް ސީޕްލޭންގެ ހިދުމަތް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޮގަސްޓު މަހު އއ.އަތޮޅުގެ ރައްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ތޮއްޑޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޕްލެޓުފޯމެއް ޤާއިމްކޮށް އަންނަ އަހަރުގެ ފެބުރުއަރީގައި ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.