ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކައިދޭ އަގުތަކަށް ބަދަލު ގެންނަނީ


  • ކުނި ނަގައިދޭ ފީއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީ 2026 އިން ފެށިގެން

  • ވަރަށް އަވަހަށް އަގަށް އަންނަ ބަދަލު ޢިއުލާންކުރާނެކަމަށް ވެމްކޯއިން ވިދާޅުވޭ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްކުދި ވެމްކޯއިން ކުނި އުކައިދޭ ފީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޑަކުރުމަށް ނިންމާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ވެމްކޯއިން މިބަދަލު ގެނައުމަށް ނިންމާފައިމިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އެދުމުގެ މަތިން ކުނި އުކުމުގައި މިހާރު ކަނޑައަޅާފައިވާ ބޭންޑުތަކަށް ބަދަލު ގެނެސް ފީތައް ކުޑަ ކުރުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ވެމްކޯއިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުންދާ ފީތަކަށް އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މިވަގުތު އެސްއެމްއީތަކުން ނަގަމުންދާ ފީތައް ކުޑަކުރުމަށް ވަކި ބޭންޑްތަކެއް ތަޢާރަފްކުރުމަށް އެކުންފުނިން މަޝްވަރާކުރަމުންދާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި އެމަޝްވަރާތަކަށްފަހު ކަނޑައެޅޭ ބެންޑުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކަށް އެނގޭނެހެން ޢިއުލާންކުރާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވަނީ، ވިޔަފާރިތަކުން ކުނި އުކުމަށް ކުރާ ހޭދަ ބޮޑުކަން ފާހަގަކުރައްވާ އެ ކަމުގައި ހައްލެއް ގެނެސްދެއްވުމަށް އެދިފައެވެ. މިމައްސަލައަށް އެދެވޭ ބަދަލެއް ގެނައުމަށްޓަކައި ވެމްކޯއިން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ރައީސް ވަނީ ވެމްކޯއަށް އަންގަވާފައެވެ.