ތަރައްްޤީ

ބިލެއްދޫގެ އައު ނެރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައިފި


ފ. ބިލެއްދޫގެ އައު ނެރު ހެއްދެވުމާއި، އެނެރުގެ ފައިކަށި ޖެހުމުގެ މަޝްރޫޢު ކުރިޔަށް ގެނދެވުމަށް، ސަރުކާރުން، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

މަސައްކަތް ޙާވާލުކުރެއްވުމުގެ އެއްބަސްވުމުގައި، މިއަދު ދެފަރާތުން ވަނީ ސޮއިކުރައްވާފައެވެ. މިނެރުގެ މަޝްރޫއް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވާފައިވަނީ 160 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަޝްރޫއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފ.ބިލެއްދޫގައި ސަރުކާރުން އައުނެރެއް ހަދަން ނިންމެވީ، ޖޯގްރަފީ ގޮތުން އެރަށް އޮތް ގޮތުންނާއި، އަދި މިހާރު ބަނދަރާއި ނެރު ކަނޑާފައި އޮތް ގޮތުން، އެރަށު ރައްޔިތުންނަށް ބަނދަރާއި ނެރު ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާތީކަމަށެވެ. އަދި އަލަށް ނެރު ކަނޑުއްވަނީ އެރަށު ރައްޔިތުންގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރައްވައި، ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭ ގޮތައް ކަމަށެވެ.

"ރައްޔިތުން އެދުނުގޮތަށް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިވަނީ މިހާރު މިކަން ކުރިޔަށްގެންދެވޭނޭގޮތް ހަމަޖައްސަވާދެއްވާފައި. މިމަސައްކަތުގައި،ދާއިރާގެ މެމްބަރުގެ ވަރަށް ބޮޑު ޙިއްސާއެއް އޮތްކަންވެސް މި ފުރުޞަތުގައި ފާހަނގަކޮށްލަން. މަސައްކަތަށް ކަނޑައެޅިފައި މިއޮތީ 160 ދުވަސް. އެހެންވީމައި މަސައްކަތްވިހާވެސް އަވަހަށް ފެށި، އަވަހަށް ނިންމާލެވިގެން ދިއުމަކީ ސަރުކާރުން އެމް.ޓީ.ސީގެ ކިބައިން ވަރަށް ބޮޑަށް އެދޭކަމެއް. އަދި ޔަޤީން ކުރާވެސް ކަމެއް." ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.