ސްވިޒަލެންޑަށް ވަރުގަދަ އަސްކަރީ ޙަމަލާއެއް ދީފި ނަމަ ދިފާޢުވެވޭނެ ކުޅަދާނަކަން އެ ޤައުމުގެ ކިބައިގައި ނެތް ކަމަށާއި، ރަޝިޔާގެ ކިބައިން ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަސްކަރިއްޔާއަށް ޚަރަދުކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ހަތިޔާރު އެޅި ފައުޖުގެ އިސްވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ތޯމަސް ޒުސްލީ ވިދާޅުވެއްޖެއެވެ.
ޒުސްލީ ވިދާޅުވީ ޖަމާޢަތަކުން ދޭ ޙަމަލާއަކާ ކުރިމަތިލުމުގެ ޤާބިލުކަން ސްވިޒަލެންޑަށް ލިބިފައިވި ނަމަވެސް ޤައުމެއްގެ އަސްކަރިއްޔާއިން ދޭ ޙަމަލާއަކަށް ކުރިމަތިލުމަށް އެ ޤައުމު ތައްޔާރު ނޫން ކަމަށެވެ. ޒުސްލީ ވަނީ ހަޤީޤީ ކުއްލި ޙާލަތެއްގައި ޙަރަކާތްތެރިވެވޭނީ އެ ޤައުމުގެ ސިފައިންގެ ތެރެއިން ތިންބައި ކުޅަ އެއް ބަޔަަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ފާއިތުވި އަހަރުތަކުގައި ސްވިޒަލެންޑުން ދަނީ އަސްކަރިއްޔާއަށް ޚަރަދުކުރާ މިންވަރު އިތުރުކޮށް ޒަމާނީ ހަތިޔާރާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޚަރަދު ބޮޑުވެ، މާލީ ފިއްތުންތައް ހުރި މި ދަނޑިވަޅުގައި މި ފަދަ ޚަރަދު ކުރުމަކީ އެދެވިގެންވާ ކަމެއްތޯ އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޒުސްލީ ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކުރަމުން ދިޔަ ނަމަވެސް، އަދި ވިލާތުގެ ހަމަޖެހުން ނަގައިލުމަށް ރަޝިޔާއިން މަސައްކަތް ކުރި ނަމަވެސް އަސްކަރިއްޔާއާމެދު މީހުން ދެކޭ ގޮތަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. ހަނގުރާމަ ކުރަމުންދާ ސަރަޙައްދާ ސްވިޒަލެންޑާ ދުރުގައި އޮތުމާއި، ފަހުގެ ތާރީޚެއްގައި އެ ޤައުމުން ހަނގުރާމައެއް ކޮށްފައި ނެތުމުގެ އިތުރުން ވަކި ކޮޅަކަށް ނުޖެހުމަކީ ރައްކާތެރިކަން ލިބޭ ކަމެއް ކަމަށް ޤަބޫލުކުރުމަކީ އަސްކަރިއްޔާއާމެދު އޮންނަ ވިސްނުމަށް ބަދަލު ނާންނަ ސަބަބުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
2032ވަނަ އަހަރާ ހަމައަށް ދިފާޢީ ކަންކަމަށް ސްވިޒަލެންޑުން ޚަރަދުކުރާ ޢަދަދު އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 1 އިންސައްތައަށް އިތުރުކުރުމަށް އެ ޤައުުމުން ދަނީ މަސައްކަތްކުރަމުންނެވެ. ދިފާޢީ ކަންކަމަށް އެ ޤައުމުން މިހާރު ޚަރަދު ކުރަނީ މި ނިސްބަތުގެ 0.7 އިންސައްތައެވެ. ނަމަވެސް ނޭޓޯ ޤައުމުތަކުން ވަނީ އުފެއްދުންތެރިކަމުގެ ނިސްބަަތުގެ 5 އިންސައްތަ އަސްކަރީ ބޭނުންތަކަށް ޚަރަދު ކުރުމަށް އެއްބަސްވެފައެވެ. ސްވިޒަލެންޑު މިހާރު ގެންގުޅޭ ދުވެލީގައި އަސްކަރީ ޚަރަދުތައް އިތުރު ކުރާނަމަ އެ ޤައުމުން ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެވޭނީ 2050 ވަނަ އަހަރުއެވެ. މިހާރު ކުރިމަރިވެފައިވާ ނުރައްކާތަކަށް ބަލައިނަމަ އެއީ މާ ލަސް ތާރީޚެއް ކަމަށް ޒުސްލީ ވަނީ ވިދާޅުވެފައެވެ.