ޚަބަރު

ފުލް ޓައިމް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް ނިންމައިފި


  • ފުލް ޓައިމްގެ ގޮތުގައި ބެލެވޭނީ މަދުވެގެން 3 އަހަރު ދުވަހުގެ މުއްދަތެއް

ފުލް ޓައިމްކޮށް ވަޒީފާ އަދާކުރަމުން ޕީއެޗްޑީއަށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ނިންމައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން މިގޮތަށް ނިންމެވީ، ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ވަނީ ނިންމަވާފައެވެ.

އެގޮތުން ފުލް ޓައިމްގެ ގޮތުގައި ބެލެވޭނީ، އެމް.އެން.ކިއު.އެފް ގައިވާ ގޮތަށް މަދުވެގެން 3 އަހަރު ދުވަހުގެ މުއްދަތާއި، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތު ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މީގެއިތުރުން އެޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާރޓް ޓާއިމް މުއްދަތަކަށް ވާންވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތެެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މީގެއިތުރުން، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމަކަށްވެފައި، މި ޕްރޮގްރާމަކީ ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އަދި ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް އެ އޮތޯރިޓީން ވަނީ އަންގަވާފައެވެ.

ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.