އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރި މިސްކިތް ހުޅުވައިފިއެވެ.
މަސްޖިދުލް އީމާންގެ ނަމުގައި ބިނާކުރި މި މިސްކިތް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދާއެކުގައެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، އަލްހާފިޒް އުވައިސް ބިން އިނާޒެވެ. ހުކުރު ނަމާދުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
1200 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކޮށްފައިވަނީ، 3 ފަންގިފިލާއަށެވެ.
މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ތަނެއް ކަނޑައަޅާފައިވެއެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދާފައިވާއިރު މިސްކިތް ބިނާކޮށްފައިވަނީ، އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ.
މިސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާޚާނާ ހަދާފައިވާއިރު، އޭގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް 2 ފާޚާނާ ހަދާފައިވެއެވެ.
އަދި މި މިސްކިތުގައި ވުޟޫކުރުމަށް ޚާއްސަ ބައެއްވެސް ހަދާފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަދި އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައްވެސް ހިމެނޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.