ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން 4 މީހުން ހައްޔަރުކޮށްފި


  • މިމައްސަލައިގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު ކޯޓުންވަނީ ޖަހާފައި

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މާލެއިިން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މާއުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، އއ.މާޅޮސް ޗާންދަނީގެ ޢުމުރުން 27 އަހަރުގެ ޢަލީ ސައިފުއާއި، ލ. ގަން މުކުރިމަގު ސޯޝަންރީޑް އުމުރުން 30 އަހަރުގެ އަޙްމަދު ނިޘާމްއާއި އއ.މާޅޮސް ނޫމާގެ ޢުމުރުން 28 އަހަރުގެ އަޙްމަދު ޝާމިލްއާއި ސ.ހިތަދޫ ބޯށިވަލުގެ ޢުމުރުން 45 އަހަރުގެ ޙުސެއިންދީދީއެވެ.

ފުލުހުން ވިދާޅުވީ މިމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައިކަމަށެވެ. މިއޮޕަރޭޝަނަކީ މިމަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުން ބަލާފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ރުފިޔާ ފެނިފައިވާތީކަމަށެވެ. އެގޮތުން އެމީހުންގެ އަތުން 5.23 ގްރާމްގެ މަސްތުވާތަކެއްޗާއި، 10000 ރުފިޔާއަށްވުރެ ގިނަ ރުފިޔާވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޘިމަށް 7 ދުވަސް އަދި ދެންތިބި 3 މީހުންގެ ބަންދަށް 5 ދުވަސް ޖަހައިދީފައިކަމަށެވެ. ފުލުހުންގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ.