ޕާކިސްތާންގެ ހުޅަނގުއުތުރުގެ ސަރަޙައްދަކުން ދަތުރުކުރަމުންދިޔަ ފުލުހުންގެ އުޅަނދަކަށް ޙަމަލާދީ، އޭގައި ތިބި ފަސް މީހަކު މަރާލާފައިވާކަމަށް ކަމާގުޅޭ އިދާރާއިން ބުނެފިއެވެ.
އެ ސަރަޙައްދުގެ ފުލުހުންގެ އިދާރާއިން ބުނީ، އެ އުޅަނދު ހުއްޓުވުމަށް ބޮމެއް ގޮއްވައިލުމަށްފަހު، ބަޑިން ޙަމަލާދީ އެ އުޅަނދުން ދަތުރުކުރި ފުލުހުންގެ ހަތަރު މީހަކާއި ޑްރައިވަރު މަރާލާފައިވާ ކަމަށެވެ.
މި ޙަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން ނަގާފައި ނުވާއިރު، ފުލުހުންނަކީ ނިރުބަރިކަމާ ދެކޮޅަށް ފުރަތަމަ ދިފާޢުކަން ފާހަގަކުރައްވައި، ޕާކިސްތާންގެ ބޮޑުވަޒީރު ޝަޙްބާޒް ޝަރީފް ވަނީ މި ޢަމަލު ކުށްވެރިކުރައްވައިފައެވެ.
ފާއިތުވި ދުވަސްތަކުގައި ނިރުބަވެރި ޖަމާޢަތްތަކުން ޕާކިސްތާންގެ ސަލާމަތީ ބާރުތަކަށް ޢަމާޒުކޮށް ދަނީ ގިނަ ޙަމަލާތައް ދެމުންނެވެ.
ޕާކިސްތާންގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، މި ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރިވަނީ އަފްޣާނިސްތާންގައި ވެރިކަންކުރާ ޠާލިބާންގެ ސަރުކާރުންނެވެ.
އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގުގައި އޮތް ފަރުބަދަމަތީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ތަހްރީކް ޠާލިބާން (ޓީޓީޕީ) ނުވަތަ 'ޕާކިސްތާނުގެ ޠާލިބާނުން'ނަކީ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންނާ ގުޅުން އޮތް ޖަމާޢަތެއް ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ.
އެކަމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤައުމުގެ ފައުޖުތަކުން ވަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައެވެ.