ވިމެންސް ލީގު 2025 ކާމިޔާބުކުރަން އޮޑި ސްޕޯޓްސް ކުލަބުން އޮތީ ވަރަށް ކިކުގައި ކަމަށާއި މިއަދުގެ މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފަކަމަށް އެޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ފަރިތަކުރުމެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޝާލިޔާ ބުނީ ލީގުގަ މިހާ ހިސާބަށް އާދެވުމުން އުފާކުރާކަމަށެވެ. އޮޑިން ލީގާއި ކުރިމަތިލީ ގޮންޖެހުންތަކަކާއި އެކު ކަމަށާއި އެހުރިހާ ކަމެއް ގިރާކޮށް ލީގުގައި މިހާތަނަށް ހޯދުނު ކާމިޔާބީއާއި މެދު މުޅި އޮޑިންވެސް ފަޚުރުވެރިވާކަމަށް އޭނާ ފާހަގަކުރިއެވެ.
ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރާ، ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާ މެޗު މިއަދު ހަވީރަށް ތާވަލުކޮށްފަވާއިރު، މެޗަށް ޓީމު އޮތީ ފިޓުކޮށްކަމަށް އޭނާ ބުންޏެވެ.
"އަލްޙަމްދުލިއްލާހި، އަނެއްހެން ފައިނަލަށް ގާތްގަނޑަކަށް މިދެވުނީ. ލީގު ފެށުނު އިރު ޔަގީންކަމެއް ނީންނާނެ އެއްވެސް ޓީމަކަށް. އެކަމު މިހާ ހިސާބަށް އާދެވުނުއިރު ޓީމު މިއޮތީ ވަރަށް ކިކުގަ ލީގު ވިން ކުރަން" ޝާލިޔާ ބުންޏެވެ.
ލީގުގެ ޗެމްޕިއަން ކަނޑައެޅިގެންދާ މެޗަށް ވަގުތު ކުޑަތަންވަމުން އަންނައިރު މިވަގުތު ޓީމުގައި އަނިޔާގެ ބޮޑު މައްސަލައެއް ނެތްކަމަށް އޭނާ ފާހަގަކުރިއެވެ. ކޮންމެ ކުޅުންތެރިއެއްގެ ވެސް އަޒުމަކީ ވަރުގަދަ މެޗެއް ކުޅެ ލީގުގެ ތަށި ހިއްލާލުންކަމަށާއި އެކަމަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށް އޭނާ ބުނެފަވެއެވެ.
މެޗުގެ ކުރިން ލިބުނު ދުވަސްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ.
ލީގާއި އޮޑިން ކުރިމަތިލީ ސްކޮޑުން ބައެއް ކުޅުންތެރިން ބާކީކުރަންޖެހި އެކަމުގެ ނުތަނަވަސްކަމާއި އެކުކަމަށް ވިޔަސް މިހާތަނަށް ލީގުގައި އޮޑިން ދެއްކި ހިތްވަރަކީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތްކަމަށް އޭނާ ބުނެފަވެއެވެ.
"ޓީމު ވޯކު އެންމެ ބޮޑު އެއްޗަކީ. މުބާރާތާއި ކުރިމަތިލީއިރު އޮޑިއަށް ކަންނޭނގެ އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވީ. ޓީމު ސްކޮޑުން ކުދިންތަކެއް ބާކީވެސް ކުރަންޖެހުނު. މިހާރު ސްކޮޑުގަ ތިބި ބައެއް ކުދިންނަށް އެކި ސަބަބުތަކާއި ހުރެ ނުކުޅެވި މިދިޔައީ. އެހެން ނަމަވެސް މިހާރު ތިބި ކުދިންގެ ހިތްވަރާއި މެނޭޖްމަންޓާއި ގުޅިގެން ވަރަށް ރަނގަޅަށް އޮޑި މިދަނީ" ޝާލިޔާ ބުންޏެވެ.
ވިމެންސް ލީގު 2025 ގެ ޗެމްޕިއަން ކަނޑައަޅާ މެޗު މިއަދު ހަވީރަށް ތާވަލުކޮށްފަވާއިރު އެއްކޮޅުން ނުކުންނާނީ ތާވަލުގެ އެއްވަނައިގަ އޮތް މާޒިޔާއެވެ. އަނެއްކޮޅުން އޮޑި ނުކުންނައިރު މި ދެޓީމަށްވެސް ލިބިފަވަނީ 10 ޕޮއިންޓެވެ. ނަމަވެސް މާޒިޔާއަށް ތާވަލުގެ ކުރި ލިބިފަވަނީ ޖެހި ގޯލުގެ އަދަދުންނެވެ.