ޚަބަރު

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ޚާއްޞަ ފެސްޓިވަލެއް


  • ފެސްޓިވަލް އޮންނާނީ މިމަހުގެ 30 އިން ޖެނުއަރީ 1 އަށް

  • މިއަހަަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވޭ

  • ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާނެ

އައު އަހަރާ ދިމާކޮށް "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025"ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިމަހުގެ 30 އިން ޖެނުއަރީ 1އަށެވެ.

މި ފެސްޓިވަލުގެ ތެރެއިން އައު އަހަރާ ގުޅުވައިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ، ހުރިހާ ޢުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ހަރަކާތް ރޭވުމާއި އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވީއެމްސީ، އެޗްޑީސީ އަދި އެމްއޯޓީއީން ވަނީ، ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025ގެ ޤައުމީ ހަރަކާތުގައި އެ ފަރާތްތަކާއެކު ޕާޓްނަރޝިޕް ޤާއިމްކޮށް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.