ޚަބަރު

ހިޖުރަކުރާ ދޫނި ހިފުމަކީ މަނާކަމެއް، ޖޫރިމަނާ ކުރެވޭނެ


  • ހިފާ ގެންގުޅޭ، ދޫނިތައް ގަނެވިއްކާ، ފަރާތްތައް ޖޫރިމަނާ ކުރެވޭނެ

  • އެފަދަ ފަރާތްތަކުގެ މައުލޫމާތު ހިިއްސާކުރުމަށް ވަނީ އެދިފައި

މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކެކެވެ. މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެކެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވީ ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން އެ އޮތޮރިޓީއަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވެއެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެކެވެ.

ވީމާ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގާފައެވެ. ގަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއެވެ.

އަދި މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތާއި ޝަކުވާތައް ހުށައަޅާއިރުގައި މައްސަލައާ ގުޅުންހުރި ވީހާވެސް ގިނަ މައުލޫމާތު ހިމެނުމަށް ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އެ އޮތޯރިޓީއިން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށްވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.