ޚަބަރު

މާލީ ދާއިރާ ތަރައްޤީކުރުމުގެ 3 ހަރަކާތެެއް އިފްތިތާހުކޮށްފި


  • ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި ފައިނޭންސް ރޯޑްމެޕް ވަނީ އިފްތިތާހުކޮށްފައި

  • ޕޭމަންޓް މޯލްޑިވްސްވެސް ވަނީ އިފްތިތާހުކޮށްފައި

މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކޮށްފިއެވެ. މި ހަރަކާތްތައް އިފްތިތާހުކުރެއްވީ މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ތަފާތު 3 ކަމެއް ވަނީ އިފްތިތާޙުކޮށްފައެވެ. އޭގެތެރެއިން ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި ނޭޝަނަލް ފައިނޭންސް ރޯޑްމެޕް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ހުރިހައި ރައްޔިތުންނަށް ފައިނޭންސް ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދޭނެ ސްޓްރެޓެޖީއެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ.

މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ޚިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ. އެގޮތުން، އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ދީފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ޕޭމަންޓް މޯލްޑިވްސްވެސް ވަނީ ލޯންޗްކޮށްފައެވެ. ޕޭމަންޓް މޯލްޑިވްސް ލޯންޗްކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

ޕޭމަންޓް މޯލްޑިވްސްގެ މަސައްކަތް ފެށިގެންދާއިރު މައިގަނޑު ޒިންމާއަކަށް ވެގެންދާނީ ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަންސް ހިންގުމާއި، އެ ސިސްޓަމްތައް އިތުރަށް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމެވެ. މި ސިސްޓަމްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމަޔަށް ޚިދުމަތް ދޭނީ މިހާރެކޭވެސް އެއްގޮތަށް ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުންނެވެ.

ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކާއި އައު އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމާއި، ކުރިޔަށް ރާވާފައިވާ ތަރައްޤީގެ މަސައްކަތްތައް އިތުރު ހަލުވިކަމަކާއެކު ކުރިޔަށްގެންދިޔުމަށް މި ކުންފުނީގެ ދަށުން މަސައްކަތް ކުރެވޭނެއެވެ. ހަމަ އެޔާއިއެކު، ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކޮށް ހަރުދަނާ، ރައްކާތެރި ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމުކޮށް ހިންގުމަކީވެސް ޕޭމަންޓް މޯލްޑިވްސްގެ މަސްއޫލިއްޔަތަކަށް ވާނެއެވެ.