ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ގަވަރުނަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރ އަޙްމަދު މުނައްވަރު ވަނީ މާލީ ދާއިރާ ހަރުދަނާކުރުމަށް އަދި އެންމެންނަށް ވާސިލްވާނެފަދަ ގޮތަކަށް މާލީ ދާއިރާ ބައްޓަންކުރުމަށް ކުރައްވަމުން ގެންދަވާ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި ދާއިރާއަށް ޒުވާނުންނާއި ސްކޫލް ކުދިން އަހުލުވެރިކުރުމުވަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މާލީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ތައާރަފްކުރި ފަވަރަ މެދުވެރިކޮށް މިހާތަނަށް ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ކޮށްފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ފަވަރަ މެދުވެރިކޮށް 23 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"ފާއިތުވި އަހަރު ފަވަރަ މެދުވެރިކޮށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގާތްގަނޑަކަށް 8 މިލިއަން މުޢާމަލާތް ނިންމާލެވިފައިވެއެވެ. އަދި މިއަދު މި ޢަދަދު ދެގުނައަށް އިތުރުވެ، 48 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ 16 މިލިއަން މުޢާމަލާތް ވަނީ ކުރެވިފައެވެ. މިއީ ޑިޖިޓަލް ފައިސާ ދެއްކުމުގެ ފަސޭހަކަމާއި، ބާރު މިނާއި، ހަރުދަނާކަމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެއް." ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް މޯލްޑިވްސްއަކީ ހަމައެކަނި އިންފްރާސްޓްރަކްޗަރއެއް ނޫންކަމަށެވެ. މިއީ މުޅި ޤައުމުގައި ވަގުތުން، ރައްކާތެރިކަމާއިއެކު އަދި ހުރަހެއްނެތި ފައިސާ ދެއްކޭނެ ގޮތްތައް ޤާއިމުކުރުމަށް ބޭންކިންގ އަދި ފިންޓެކްގެ ހިދުމަތްދޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާ އިކޯސިސްޓަމެއްކަމަށެވެ. ޕޭމަންޓް މޯލްޑިވްސްއަކީ ޑިޖިޓަލް ފައިސާ ދެއްކުން ހަރުދަނާކުރުމުގެ މަސައްކަތެއްކަމަށެވެ. މިއީ ޑިޖިޓަލް ފައިނޭންސްއާ އެއްގޮތަށް އީޖާދީ ޚިޔާލުތައް ކުރިއެރުވުމަށް ފަހިކޮށްދޭ މަސައްކަތަކަށް ވެގެންދާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން މާލީ ހިދުމަތްތަކަށް ފުރިހަމައަށް ބައިވެރިވުމާއި، ފައިނޭންސަށް ފަސޭހައިން ވާސިލުވުން އިތުރުވެގެންދާނެކަމަށާއި، މި ނިޒާމުގައި ބޭނުންކުރާ ކުރިއަރާފައިވާ ފަންނުވެރިކަމުގެ ސަބަބުން މާލީ ނިޒާމުގައި އެކި ފަރާތްތަކާ ގުޅިގެން އީޖާދީ ޚިޔާލުތައް ތަރައްޤީކުރުމަށް މަގުފަހިވާނެކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.