ޚަބަރު

އޮފީސް މުބާރާތުގެ ޗެމްޕިއަންކަން އިމިގްރޭޝަނަށް


  • އިމިގްރޭޝަނުން ޗެމްޕިއަންކަން ހޯދީ އެމްޕީއެލް ބަލިކޮށްގެން

  • ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ އެމްޕީއެލް

  • މިމުބާރާތުގައި 21 އަންހެން އަދި 4 ފިރިހެން ޓީމު ވާދަކުރި

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދައިފިއެވެ. މިމުބާރާތުގެ ތަށި އިމިގްރޭޝަނުން ހިއްލާލީ ފައިނަލުގައި 38-19 އިން އެމްޕީއެލް ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ އެޓީމުގެ ނަޝްފާ އާމިރާއެވެ.

މުބާރާތުގެ ފައިނަލަށް އިމިގްރޭޝަން ދަތުރުކުރީ ސެމީގައި ފަސޭހަކަމާއެކު އާރްއާރްސީ 43-06 އިން ބަލިކޮށްގެންނެވެ. އަދި އެމްޕީއެލް ފައިނަލުން ޖާގަ ކަށަވަރުކޮށްފަވަނީ 53-22 ސީބީއެމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި ހިއްލާލާފަވަނީ 24-30 އިން ވެމްކޯ ބަލިކުރުމަށްފަހު އެމްޕީއެލްއިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ އެޓީމުގެ މުހަންމަދު ފިރުނާސް ޢަބްދުﷲއެވެ.

މި މުބާރާތް ރޭ ނިންމާލާފަވާއިރު މުބާރާތުގެ އެންމެ މޮޅު ހަތް ފިރިހެން ކުޅުންތެރިންނަށް ހޮވިފަވަނީ އެމްޕީއެލްގެ މުހަންމަދު ފިރުނާސް ޢަބްދުﷲ، އެމްޕީއެލްގެ ޢަބްދުﷲ ޒިޔާއު އަދި އަހުމަދު ފިރާޝްއެވެ. އޭގެ އިތުރުން ވެމްކޯގެ ރިޝްފާން ރަޝީދާއި އިބްރާހިމް އަޒްހާންވެސް މޮޅު ކުޅުންތެރިންނަށް ހޮވިފަވާއިރު އެމްޕީއެލްގެ އަހުމަދު ޝަނީޒް އަދި ރާއިދު ރަޝާދުވެސް ވަނީ މި ލިސްޓުން ޖާގަ ކަށަވަރުކޮށްފައެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެމްޕީއެލްގެ އާއިޝަތު ސަލީމާ އަދި މަރްޔަމް ރަނާ އާއި އިމިގްރޭޝަނުގެ މަރްޔަމް މިރުފަތު، ނަޝްފާ އާމިރާ އަދި ފާތިމަތު ރިޝްމާގެ އިތުރުން ސީބީއެމްގެ ހަމްނާ ޢަބްދުއްރަހުމާން އަދި އާރްއާރްސީގެ ޖުނައިނާ އަހުމަދު އިސްހާގެވެ.

ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށްފަހު އަލުން ބޭއްވި އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތް 2025 ގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމަކުން ވަނީ ވާދަކޮށްފައެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށްދިޔައީ މިމަހުގެ އެކަކުން އެކާވީހުގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.