ޚަބަރު

ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދާނެ


  • ބަނދަރުގެ މަސައްކަތް ނިމޭނީ ވިޔަފާރީގެ ކުރިމަގަށް ފަސޭހަވާނެގޮތަށް

  • ތިލަފުށީ ބަނދަރު ހަދާ ސަރަހައްދަކީ މިހާރުގެ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީކުރާ ބަނދަރެއް

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާނެކަމަށް އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝަފީޤް ވިދާޅުވެއްޖެއެވެ. ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުން ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެންބަރުމަހުގެ 11 ވަނަ ދުވަހުއެވެ.

ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޙުސައިން ޝަފީޤް ވިދާޅުވީ، މިދިޔަ 40އައްކަ އަހަރުތެރޭގައި މާލޭގެ ބިމުގެ ޖާގައިގެ ދަތިކަން ހުރިގޮތުން ވިޔަފާރި ބަނދަރު އޮތީ އިތުރަށް ފުޅާކުރެވޭނެ ގޮތެއްނެތިފައިކަމަށެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ފެށި މަޝްރޫޢަކީ، ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ރާއްޖެއަށް ބޭނުންވާ ލޮޖިސްޓިކް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި މަޝްރޫޢެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

"ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ފެށި މަޝްރޫޢަކީ މި ޖާގައިގެ ދަތިކަމަށް ހައްލެއްލިބި، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރެވިގެންދާއިރުގަ އެތަންވާނީ ތަނަވަސް ބަނދަރަކަށް. އަދި އެއާއި ގުޅިގފަހުރި ރާއްޖެއަށް ބޭނުންވާކަހަލަ ލޮޖިސްޓިކް ސަރވިސަސް މި ބަނދަރާއެއްކޮށް ލިބިގެންދާނެފަދަ ގޮތަކަށް މި ބަނދަރު ރޭވިފައި މިއޮތީ." ޙުސައިން ޝަފީޤް ވިދާޅުވިއެވެ.

ޙުސައިން ޝަފީޤް ވިދާޅުވީ، ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގައި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާނެކަމަށެވެ. އަދި ބަނދަރުގެ މަސައްކަތް ނިމިގެންދާނީ ރާއްޖޭގެ މާޙައުލަށް ފަސޭހަވާގޮތަށާއި، ވިޔަފާރީގެ ކުރިމަގަށް ފަސޭހަވާނެގޮތަށްކަމަށް ވިދާޅުވިއެވެ.

"ސްޓޭކްހޯލްޑަރުންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ މަޢުލޫމާތު ލިބުމުން، ބަނދަރުގެ މަސައްކަތް ކުރަމުންދާއިރުގައި އެ މަޢުލޫމާތުތައް ވަރަށް ބޮޑު ހިއްސާއަކަށް ނަގާނަން. އަދި ތިބޭފުޅުންގެ އަޑުވެސް އަހާނަމޭ. ބަނދަރުގެ މަސައްކަތް ނިމިގެންދާންވާނީ ވިޔަފާރީގެ ކުރިމަގަށް ފަސޭހަވާނެގޮތަށް." ޙުސައިން ޝަފީޤް ވިދާޅުވިއެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކުރެވިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދަކީ މިހާރުގެ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީކުރާ ބަނދަރެކެވެ. މިހާރު މާލެ ވިޔަފާރި ބަނދަރުގައި ބޭނުން ކުރާ މަގަތުފާލަމަށްވުރެ ތިލަފުށީގައި ތަރައްޤީ ކުރާ މަގަތުފާލަން 3 ގުނަ ދިގުވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.