ޚަބަރު

ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 ފަތުރުވެރިން


  • ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަސް

  • ޖުމްލަ ފަތުރުވެރިން އަދަދު ވަނީ 2.1 މިލިޔަނަށް އަރާފައި

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 އަށްވުރެ ގިނަ ފަތުރުވެރިން ޒަިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފަހުގެ ތާރީޙެއްގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ވަނީ 9040 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ 2،157،341 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,959,699 އަޅާ ބަލާއިރު %10.1 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް:

* ޗައިނާ: 325,544 ފަތުރުވެރިން
* ރަޝިއާ: 267,341 ފަތުރުވެރިން
* އިނގިރޭސިވިލާތް: 194,931 ފަތުރުވެރިން
* ޖަރުމަނުވިލާތް: 161,854 ފަތުރުވެރިން
* އިޓަލީވިލާތް: 140,585 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަން ފަތުރުވެރިންނަށްވެރެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.

ފަތުރުވެރިނަކަމާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,764 ފަތުރުވެރިން އާދެއެވެ.