ޚަބަރު

ފަލަސްޠީނުގެ އިތުރު ސަރަޙައްދުތަކެއް ޔަހޫދީންނަށް ދިނުން ރާއްޖެއިން ކުށްވެރިކޮށްފި


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިތުރު 34 ސަރަޙައްދެއް ކަނޑައަޅަން ޔަހޫދީން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާވައިގެން ފަލަސްތީނުގެ ބިންތައް އަތުލުމާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށެވެ.

މި ބަޔާނުގައި އިސްރާއީލުން ހިންގާ ގާނޫނާ ޚިލާފު ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޒިންމާ އަދާކޮށް އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް، ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ލިބުމަށާއި އެ މީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ގޮވާލާނެ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް އަބަދުވެސް ރާއްޖެއިން ގޮވާލާނެކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.

ޔަހޫދީން 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ފެށި ޤަތުލުޢާންމާ އެކު، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދިޔަ ޖަރީމާތައް ވަނީ އިތުރުކޮށް، ފުޅާކޮށްފައެވެ. ޣައްޒާ ޤަތުލުޢާންމުގައި ޔަހޫދީ ފައުޖުން ވަނީ 72,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އެ ސަހަރު ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް މިހާރު ހިންގަމުންދާ އައު ޖަރީމާއަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ހިންގާ އިތުރު ޖަރީމާއެކެވެ.