ޚަބަރު

ވެނެޒުއެލާގެ ތެޔޮ އުފުލާ އުޅަނދެއް އެމެރިކާއިން ހިފަހައްޓައިފި


ވެނެޒުއެލާއިން ތެޔޮ ބޭރުކުރާ އުޅަނދުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި އައު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، ވެނެޒުއެލާއިން ތެޔޮ ބަރުކޮށްގެން ދަތުރުކުރި އުޅަނދެއް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން އެމެރިކާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފިއެވެ.

އެމެރިކާގެ ދާޚިލީ ވަޒީރު ކްރިސްޓީ ނޯއެމް ވިދާޅުވީ، ވެނެޒުއެލާގެ ބަނދަރަކުން ފުރައިގެން ދަތުރުކުރަމުންދިޔަ އެމެރިކާގެ ކޯސްގާޑުން ހިފަހައްޓާފައިވާ ކަމަށެވެ.

ރަމްޕް އެންމެ ފަހުން އަޅުއްވާފައިވާ ފިޔަވަޅަކީ، ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުންޏާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅުމަށް އަމުރު ކުރެއްވުމެވެ. އެ އަމުރާ އެކު، އެމެރިކާއިން ފާހަގަ ކޮށްފައިވާ ތެޔޮ ޓޭންކަރުތަކަށް ވެނެޒުއެލާގައި ބަނދަރު ކުރުމާއި، އެ ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހުރަސް އަޅާނެއެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރައްވާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރު ފުޅާކުރުމަށެވެ.

އެ އުޅަނދު އެމެރިކާއިން ހިފެހެއްޓުމަކީ ކަނޑުފޭރުމުގެ ޢަމަލެއްގެ ގޮތުގައި ވެނެޒުއެލާގެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި މި މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހުގެ އިތުރުން ކަމާގުޅޭ ބައިނަލްއަޤުވާމީ އެހެނިހެން އިދާރާތަކަށް ވެސް ހުށަހަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.