ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގެ އައު ދެ ސްކީމެއް ތަޢާރަފް ކުރަނީ


  • ކަނޑު އުޅަނދު ގަތުމަށް ފައިނޭންސިން ސްކީމެއް ތަޢާރަފް ކުރާނެ

  • ޕީއޯއެސް ބޭނުން ކުރާ މިންވަރަށް ބަލާ މާޗެންޓުންނަށް ޚާއްސަ ސްކީމެއް ތަޢާރަފް ކުރާނެ

އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަންނަ ފަރާތްތަކަށް ޚާއްސަ ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އެކުންފުނިން ވަނީ މި ސްކީމް ހިމެނޭހެން މުޅިން އަލަށް ދެ ސްކީމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް "އެސްއެމްއީ ޑިޖިޓަލް"ގެ ނަމަށް ރީބްރޭންޑްކުރީ މިދިޔަ އޮކްޓޯބަރ މަހު ފަހުކޮޅުއެވެ. އެކުންފުނި ރީބްރޭންޑްކޮށް ކުންފުނި މިހާރު ހިންގަމުންދަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. މިއާއެކު އެކުންފުނިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު އައު ޚިދުމަތްތައް ތަޢާރަފް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެކުންފުނިން ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީތައް އިސްލާމީ ޝަރީއާއާ އެއްގޮތަށް ދޭ ފެސިލިޓީތަކަށް ބަދަލުކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވަނީ މިމަސައްކަތްތަކާއެކު އައު 2 ސްކީމެއް ތަޢާރަފް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެސްއެމްއީ ޑިޖިޓަލްގެ ގަވަރމަންޓް ޕޯޓްފޯލިއޯ އިންޗާޖް އާމިނަތު މުހާ ވިދާޅުވީ ކުންފުނިން ދެމުންދާ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

" އަޅުގަނޑުމެން މިހާރު ވަރަށް އަވަހަށް ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން ވެސަލް ފައިނޭންސިން ސްކީމެއް. މިހާރު ލޯންޗު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން މިދަނީ. ކަސްޓަމަރު ވެސަލްއެއް ނުނީ ކަނޑު އުޅަނދެއް ގަންނަން ބޭނުންވިއްޔާ ނުވަތަ ބަންނަން ބޭނުންވިއްޔާ، އެއަށް ބޭނުންވާ ސާމާނު މެޝިނަރީސް ނުވަތަ އިންޖީނު ވިޔަސް ގަތުން މީގެ މައިގަނޑު މަޤްޞަދަކަށް މިއިންނަނީ " މުހާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޕީއޯއެސް ބޭނުންކުރާ މިންވަރަށް ބިނާކޮށް މާޗެންޓުންނަށް ޚާއްސަ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ތަޢާރަފްކޮށްފައިވާ ދަނޑުވެރިކަމުގެ ސްކީމުގެ އިތުރަށް ޝަރީޢާއަށް ފެތޭ ދަނޑުވެރިކަމުގެ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ކުދި އަދި މެދުފަންތީގެ ހުރިހާ ބާވަތެއްގެ ވިޔަފާފާރިތަކަށްވެސް ވަށާ ޖެހޭ ހައްލު ތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކުންފުނީގެ ޑިޖިޓަލް އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަން މަރިޔަމް ޝަޒްނާ ވަނީ އެ މަގަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުދި އަދި މެދުފަންތީ ދާއިރާއަށް ވަރަށް ގިނަ ހައްލުތައް އެބަ ފޯރުކޮށްދެވޭ. އަޅުގަނޑުމެންނަށް ކޮންމެ ކުދި ވިޔަފާރިއަކަށްވެސް އެބޭނުންވާ ހައްލު ކޮންމެވެސް ގޮތަކުން އެބަފޯރުކޮށްދެވޭ. މިވަގުތު ފޯރުކޮށް ނުދެވޭ ފައިނޭންސިންގް އެއް ވާނަމަ، އަޅުގަނޑުމެން މިއަންނަ އަހަރު އިތުރަށް ތަޢާރަފް ކުރަމުންދާނަން. ހުރިހާ ފުރުސަތެއް މެދުވެރިކޮށް ކޮންމެ ފަރާތަކަށްވެސް އެ ހައްލު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފޯރުކޮށްދިނުން އަމާޒަކީ." ޝަޒްނާ ވިދާޅުވިއެވެ.

އެކުންފުނި ބީއެމްއެލްގެ ސަބްސިޑަރީއަކަށް ވުމުން މިހާރު ބީއެމްއެލްގެ މޯބައިލް އެޕަށް އޭޕީއައިއިން ގުޅުވާލާ، ފެސިލީޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަދާފައެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާއާއި އެއްގޮތަށް ގާއިމްކުރާ ފުރަތަމަ މާލީ މުއައްސަސާކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.